އަވަސް މުސްތަޤުބަލެއްގައި މިނިމަމްވޭޖް ކަނޑައެޅިގެންދާނެކަމަށް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރ.އަލިފުށީގައި ޖޮބް ސެންޓަރެއް އިފްތިތާޙް ކުރުމަށް ރޭ ބޭއްވުނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމުގައި ދަތިތަކެއް ހުރިނަމަވެސް އެމަސައްކަތް މިހާރު ބާރަށް ކުރިޔަށް ދާކަމަށެވެ. އެހެންކަމުން ދެން ލަސްތަކެއްނުވެ އެކަންތައް ހަމަޖެހިގެންދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަކީ މިސަރުކާރުގެ ވައުދެކެވެ. އެހެންނަމަވެސް މިސަރުކާރުގެ ވައުދުތައް ނުފުއްދި ލަސްވާތީ ރައްޔިތުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރ. އަލިފުށީގައި ޖޮބް ސެންޓަރުގެ ހިދުމަތް ރޭ އިފްތިތާހް ކުރެވިގެންދިޔައިރު އެއަތޮޅު ފައިނުގައި އެޅުމަށް ހަމަޖެހިފައިވާ އެއަރޕޯޓް އަލިފުށްޓަށް ބަދަލުކުރުމުން އެއަތޮޅު ރައްޔިތުން ތިބީ ސަރުކާރާމެދު ހިތްހަމަނުޖެހިފައެވެ.
ރ.އަތޮޅު ދެކުނުގައި އަޅައިދިނުމަށް މިސަރުކާރުން ވައުދުވި އެއަރޕޯޓް އަލިފުށީގައި އަޅަން ނިންމުމުން އެއަތޮޅުގެ ރައްޔިތުންގެ މެދުގައިވެސް ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވެސް ވަނީ އުފެދިފައެވެ.

