މި މަހު ޕެންޝަން ފައިސާ ދޫކުރުމުގައި މައްސަލަތަކެއް ދިމާވެ، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކުވެސް ޖަމާވާ 5،000ރ.ގެ ބަދަލުގައި އެ މީހުންގެ އެކައުންޓްތައް މިއަދު 15،000ރ. ޖަމާވަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
65 އަހަރުން މަތީ ބައެއް މީހުންގެ އެކައުންޓަށް އާންމުކޮށް ލިބޭ 5,000 ރުފިޔާގެ ބަދަލުގައި އޮޅިގެން، ތިން ގުނަ އިތުރަށް، 15,000 ރުފިޔާ ޖަމާކޮށްފައިވާކަމަށް މީހުން ވަނީ މައުލޫމާތު ދީފައެވެ. ބައެއް މީހުންނަށް ފަނަރަ ހާސް ރުފިޔާ ޖަމާވަމުންދާއިރު އަނެއްބައި މީހުންނަށް 10،000ރ. ވެސް ބައެއް މީހުންނަށް ޖަމާވެފައި ވާކަމަށާއި މި ދިހަ ހާސް ރުފިޔާ ވެސް ޖަމާވެފައި ވަނީ ދެ ފަހަރެއްގެ މަތިން ކަމަށް މައުލޫމާތު ވަނީ ލިބިިފައެވެ.
މިކަމާ ގުޅިގެން އޮޅުން ފިލުވައިލުމަށް ކޮށްލި ސުވާލަކަށް ޖަވާބު ދެމުން، ޕެންޝަން އޮފީހުން ބުނީ މި މައްސަލަ ދިމާވެފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުންނެވެ. ބައެއް އެކައުންޓުތައް ތަކުރާރުވުމުގެ ސަބަބުން މިކަން މެދުވެރިވި ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. ޕެންޝަން އޮފީހުގެ އެކައުންޓުން ކެނޑިފައިވަނީ ހަމައެކަނި ޕެންޝަނަށް ވާ އަދަދު ކަމަށްވެސް އެ އޮފީހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލަ ރަނގަޅުކުރުމަށްޓަކައި، ބީއެމްއެލްއިން ވަނީ އިތުރަށް ޖަމާކުރެވުނު ފައިސާ އަނބުރާ ގެނައުމުގެ މަސައްކަތް ފަށާފައެވެ. ޕެންޝަން ފަންޑުން ކޮންމެ މަހަކު 23,000 މީހުންނަށް ބޭސިކް ޕެންޝަންގެ ގޮތުގައި ފައިސާ ދޫކުރެއެވެ.
މީގެ އިތުރުން، ފާއިތުވި މަހު ލިލީ ބީޗް ރިސޯޓުގެ ބައެއް މުވައްޒަފުންނަށް 77 ބިލިއަން ޑޮލަރުގެ މުސާރަ ޖަމާވުމުގެ މައްސަލައެއްވެސް ދިމާވިއެވެ. ނަމަވެސް، އެ ފައިސާވެސް ބީއެމްއެލްއިން ވަނީ އަނބުރާ ހޯދާފައެވެ.

