ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑިއަރީއެއްގެ ގޮތުގައި ފެނަކަ ކޯޕަރޭޝަން ހަމަޖެއްސުމުން އެއްވެސް ގެއްލުމެއް ނުވާނެކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ފެނަކައަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ދަރަނި އޮތް އަދި އެސްޓީއޯއަށް އެންމެ ބޮޑަށް ދަރާފައިވާ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ. ނަމަވެސް، މިފްކޯއާ ޚިލާފަށް، ފެނަކައަކީ އެސްޓީއޯގެ ވިޔަފާރިއާ ގުޅުން ހުރި ކުންފުންޏެއްކަމަށް ޝިމާދު ފާހަގަކުރެއްވިއެވެ.
ޝިމާދު ވިދާޅުވިގޮތުގައި ފެނަކައަކީ ރާއްޖޭގައި ޑީސަލް އެންމެ ގިނައިން ބޭނުންކުރާ އެއް ކުންފުނި ކަމަށްވުމުން، އެސްޓީއޯއަށް މާލީ ބުރައަކަށް ނުވާނެއެވެ. އަދި ފެނަކައިގެ ދަރަނި އޮތްނަމަވެސް، ޕްލޭނަކާއެކު އެކަން ހައްލުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ފެނަކައިގެ ދަރަނި ބޮޑުވެފައިވަނީ ކުރިން ދައްކަމުން އައި ބިލުތައް ދެއްކުން ހުއްޓާލުމުންނެވެ. އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުވުމުން ޚަރަދު ކުޑަވެ، ދިގު މުއްދަތެއްގައި ދަރަނި އަދާކުރެވޭނެކަމަށް ޝިމާދު ޤަބޫލުކުރައްވައެވެ.
މިކަމާ ގުޅޭގޮތުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުއާޒު ރަޝީދު ވިދާޅުވީ މި ބަދަލާއެކު އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކޮށް، ތެލުގެ ޚަރަދު ކުޑަކުރެވޭނެކަމަށެވެ.
2022 ވަނަ އަހަރު ނިމުނުއިރު، އެސްޓީއޯއަށް ފެނަކައިން ދަރާފައިވަނީ 1.9 ބިލިއަން ރުފިޔާއެވެ.

