ގަވާއިދާ ހިލާފަށް މާލޭގައި އުޅެމުންދާ ބިދޭސީން ހޯދައި އެ މީހުން ޑީޕޯޓް ކުރަން އިމިގްރޭޝަންއާ ފުލުހުން ގުޅިގެން އޮޕަރޭޝަން ފެށުމުން ބިދޭސީން ފިލަން އަތޮޅުތެރެއަށްދާ މައްސަލަ ބޮޑުވެފައިވާ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެ އެވެ.
ޝައްމާން އެހެން ވިދާޅުވީ މާލޭ އެކި ސަރަހައްދުތަކުގައި އިއްޔެ ހިންގި ބޮޑު އޮޕަރޭޝަންގެ މައުލޫމާތު މީޑިއާތަކާއި ހިއްސާ ކުރައްވަމުންނެވެ.
އިމިގްރޭޝަނުން 200 އަށްވުރެ ގިނަ އޮފިސަރުންނާއެކު ހިންގި އޮޕަރޭޝަނަށް ފަހު ދިން ޝައްމާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީއަކު ފޮރުވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އެފަދަ ބިދޭސީއަކު ގެންގުޅުން ނުވަތަ ހިމާޔަތް ދިނުމަކީ ކުށެއް ކަމަށާއި އެކަމުގައި އިމިގްރޭޝަން ގާނޫނުގެ ދަށުން ޖޫރިމަނާކުރުން ފަދަ އަދަބުތައް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝައްމާން ދެއްވި ޔަގީން ކަމަކީ އިމިގްރޭޝަނުން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގައި އެކަންކަން ފާހަގަވާ މިންވަރަކުން އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމެވެ.
މާލެ ސަރަހައްދުގައި އޮޕަރޭޝަން ފެށިފަހުން ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓްފަހަރުތަކުން ގިނަ އަދަދެއްގެ ބިދޭސީން ކުޅުދުއްފުއްޓަށްދާ ކަމަށާއި މި މަސް ތެރޭގައި އެ ރަށަށް ދާ ބިދޭސީންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
ޝައްމާން އެދިވަޑައިގެންނެވީ ރަށަަކަށް އެރޭނީ ކައުންސިލެއްގެ ހުއްދަ ލިބިގެން ކަމަށްވާއިރު ބިދޭސީންގެ ކަންކަމުގައި ކޮންމެ ކައުންސިލަކުންވެސް އެ ކައުންސިލެއްގެ ޒިންމާ ރަނގަޅަށް އަދާކުރުމަށެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އަތޮޅުތަކުގައިވެސް އޮޕަރޭޝަންތައް ފުޅާކުރާނެ ކަމަށެވެ. އޭރުން އަތޮޅު ތެރޭގެ ބިދޭސީންގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ޝައްމާނު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ 3 އަހަރެއްހާ ތެރޭގައި އެއްކޮށް ހައްލުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު. ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ ފިންގާ ޕްރިންޓް ނަގައި ޑޭޓާ ބޭސްއެއް އެކުލަވާލުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ވަނީ ފަށާފަ އެވެ.

