ޖަލުގައި ގައިދީން މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް، އޭނާގެ ހުކުމުން ދުވަހެއް އުނިކުރާ ގޮތަށް ނިންމާފައިވާ ކަމަށް ހޯމް ލޭންޑް މިނިސްޓްރީން ބުނެފި އެވެ.
ކަރެކްޝަންސް އޮފިސަރުންނާއި ޖަލުގެ ގައިދީން ހަދާފައިވާ ސަގާފީ މަސައްކަތްތައް ދާއިމީ ގޮތެއްގައި ކުރިއަށް ގެންދާ ސަގާފީ މަސައްކަތްތަކާއި ހުނަރުތައް ދައްކާލުމަށް، މާފުށީ ޖަލުގައި އަޅާފައިވާ "ސަގާފީ އަވަށް" ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ ކުރިއަށް އޮތްތަނުގައި، ގައިދީންގެ ރިހިބިލިޓޭޝަނާއި ހަރުދަނާ ބަޔަކަށް އެމީހުން ހެދުމަށް ސަރުކާރުން ކުރަން ވިސްނާ ބައެއް ކަންކަން އިއުލާންކުރައްވާފަ އެވެ.
އެގޮތުން ވަޒީރު އިހުސާން ވިދާޅުވީ ‘ސަގާފީ އަވަށާއި، ޖަލުގެ އެހެން ތަންތަނުގައި ވެސް މަސައްކަތް ކުރާ ގައިދީން، އެ މީހުން މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް، ޖަލު ހުކުމުން ދުވަހެއް އުނި ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
"ޖަލުގައި، އިލެކްޓްރޯނިކް މަސައްކަތް ވިޔަސް، ރޭނުމުގެ މަސައްކަތް ވިޔަސް، އަދި ސަގާފީ މަސައްކަތެއް ވިޔަސް ކުރާ ކޮންމެ ދުވަހަކަށް ލުޔެއް ލިބޭނެ، އެ ފަދަ ގޮތަކަށް، ގާނޫނުތަކާއި ގަވައިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން، މިކަން ހަރުދަނާ ގޮތަކަށް ކުރިއަށް ދެވޭނެ އުސޫލެއް ކަނޑައެޅުމަށް ފަހު ވަރަށް އަވަހަށް ގައިދީންނަށް އިއުލާން ކުރާނަން،" އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސްގެ އިރުޝާދަކީ، ޖަލުގައި ހޭދަކުރާ ކޮންމެ ދުވަހަކީ ވެސް، ފަންނުވެރި މަސައްކަތެއް ދަސްކޮށްގެން، އާމްދަނީ ލިބޭނެ ގޮތެއް ހޯދައިގެން ގައިދީން ވީ އެންމެ އަވަހަކަށް ޖަލުން ނުކުމެވޭނެ ގޮތެއް ބެލުމެވެ.
އިހުސާން ވިދާޅުވީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ގިނަ ދުވަހު ބެހެއްޓުމަކީ ބޭނުންވާ ގޮތް ނޫން ކަމަށާއި ޖަލަށް ވަނުމާއެކު ގައިދީގެ އިސްލާހީ މަސައްކަތް އެ ފެށުނީ ކަމަށާއި ދެން ކުރަން ޖެހޭނީ ބޭނުންތެރި ދިވެއްސެއްގެ ގޮތުގައި އަނބުރާ މުޖުތަމައުގެ ގޮތުގައި ނުކުމެ، ގައުމު ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށެވެ. ހަމައެހެންމެ ކުރިއަށް އޮތްތަނުގައި ކަރެކްޝަންސް އިން ޕްރޮޓޮކޯލް ތަކާއި ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ބައްޓަން ކުރާނީ އެކަމަށް މަގުފަހިވާ ގޮތަށް ކަމަށްވެސް އިހުސާން ވަނީ ވިދާޅުވެފައެެވެ.
ސަގާފީ އަވަށުގައި ގައިދީން ތައްޔާރުކުރާ ތަކެތި މާފުއްޓާއި އެއާޕޯޓުގައި ވެސް ޓޫރިސްޓުންނަށް ވިއްކައި އެއިން ބައެއް އާމްދަނީގެ ގޮތުގައި ގައިދީންނަށް ދޭން ނިންމާފައިވާކަން ފާހަގަކުރައްވަައި އިހުސާން ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޖަލުތައް ފެންނާނީ، ވަރަށް ހަރަކާތްތެރި، އުފެއްދުންތެރި ތަންތަނުގެ ގޮތުގައި ކަމަށެވެ.

