ގދ.ތިނަދޫ އާބާދީ 55 ފާހަގަ ކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރި ވުމަށް ދައުވަތުއެރުވިގެން މެހެމާނުން ތިނަދޫ އަށް ވަޑައިގެންނަވަން ފައްޓަވައިފިއެވެ.
އެގޮތުން ރޭ ފަތިހު ވަނީ ޖެންޑަރ މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީން ޙަސަން އާއި އައްޑޫ ސިޓީ ގެ ބައެއް ބޭފުޅުން ތިނަދޫ އަށް ވަޑައިގެންފައެވެ. މިހާތަނަށް ވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް ވެސް ތިނަދޫ އިން ވަނީ ހޫނު މަރުހަބާ އެއް ކިޔާފައެވެ.
ތިނަދޫ އަށް 2 ވަނަ ފަހަރަށް މީހުން އާބާދު ވާން ފެށިތާ 55 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޚާއްސަ ޙަރަކާތްތަކަށް ރަށުން ބޭރުން ވަޑައިގެނަންނަވާ ފަރާތްތަކަށް މަރުޙަބާ ދެންނެވުން ކުރިޔަށް ގެންދަނީ ތިނަދޫ ރަސްމީ ފާލަމުގައެވެ.

ތިނަދޫ އަށް މިއަދު ފަތިހު ވަޑައިގެންނެވި މެހެމާނުންނަށް މަރުހަބާ ދެންނެވުމަށް ވަޑައިގެންނެވީ ތިނަދޫ ނައިބު ރައީސް ނަސްރުﷲ ޢަލީ އާއި ކައުންސިލް ގެ އިސް މުވައްޒަފުންނެވެ. އަދި މިނިސްޓްރީ އޮފް ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓާރ އަހުމަދުﷲ ޖަމީލް އަށް މަރުހަބާ ދެންނެވުމަށް ތިނަދޫ ރައީސް ސަޢުދު އަލީގެ އިތުރުން ތިނަދޫ ކައުންސިލްގެ މެމްބަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މީގެ އިތުރުން ގިނަ ބަޔަކު ތިނަދޫ އާބާދީ 55 ގެ ޚާއްޞަ ޖަލްސާ އާއި ހަރަކާތްތަކުގައި ބައިވެރިވުމަށް މިއަދާއި މާދަމާވެސް ތިނަދޫ އަށް ވަޑައިގަންނަވާނެ ކަމަށް ތިނަދޫ ކައުންސިލުން މައުލޫމާތު ދެއްވައެވެ.
އާބާދީ 55 ގެ ހަރަކާތްތައް މިއަދު ހަވީރު ފެށުމަށް ހަމަޖެހިފައިވާއިރު އެންމެ ފުރަތަމަ ހަރަކާތަކަށް އޮތީ ފިރިހެނުންގެ ފުޓްބޯޅަ މެޗެކެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4 ޖަހާއިރު ތިނަދޫ ރަސްމީ ބޯޅަ ދަނޑުގައެވެ. އަދި އެއަށްފަހު އަންހެނުންގެ ބަޅެ ނޮންޓާ 5 ޖަހާއިރު ކުޅުމަށް ވަނީ ހަމަޖައްސާފައެވެ.

