އެމްއޭސީއެލުން ބުނީ މި ޕްރޮގްރާމްތަކުގެ މައިގަނޑު މަޤްޞަދަކީ އޮޕަރޭޝަނަލް ޓީމަށް ބޭނުންވާ ޓެކްނިކަލް މަޢުލޫމާތާއި ހުނަރު އުނގަންނައިދިނުން ކަމަށެވެ.
މި ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބައި އަމާޒުކޮށްފައިވަނީ ކޮލިޓީ ކޮންޓްރޯލް އަދި އިންޓު-ޕްލޭން އޮޕަރޭޝަންސް ދާއިރާތަކަށްކަން ފާހަގަކޮށް އެމްއޭސީއެލް އިން ބުނީ މިހާރު ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމްތައް ފަރުމާކޮށްފައިވަނީ ބޭރުގެ ތަމްރީންތަކުގެ މިންގަނޑުތަކާއި އެއްގޮތަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށެވެ.
އެ ޕްރޮގްރާމްތަކަކީ ކުރިން ބޭރުގެ ކޮންސަލްޓަންޓުންގެ އެހީގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމްތަކެއް ކަމަށާއި ނަމަވެސް މިހާރު ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމްތައް ފަރުމާކޮށްފައިވަނީ ބޭރުގެ ތަމްރީންތަކުގެ މިންގަނޑުތަކާއި އެއްގޮތަށް، ފިއުލް ސާވިސަސްގައި މަސައްކަތްކުރާ ތަޖުރިބާކާރު ސީނިއަރ މުވައްޒަފުން ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.
އެމްއޭސީއެލްއިން ބުނީ އެ ކުންފުނީގެ ލާނިން އެންޑް ޑިވެލޮޕްމަންޓުން އެ ޕްރޮގްރާމްތައް ފާސްކޮށްފައިވަނީ ޕްރޮގްރާމްގައި ބޭނުންކުރާ މެނުއަލްތަކާއި ތަމްރީނުދޭ ފަރާތްތައް، ކޮލިޓީގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމަށެވެ. އެއާއެކު، އެމްއޭސީއެލްގެ ފިއުލް ސާވިސަސްގައި ދެވޭ ތަމްރީންތަކަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފިއުލް އޮޕަރޭޝަނަށް ބޭނުންވާ ގޮތައް ބައްޓަން ކުރެވިގެން ކުރިއަށް ގެންދާ ތަމްރީންތަކަކަށް ވެގެންދާނެ ކަމަށެވެ.
މި ތަމްރީނު ޕްރޮގްރާމްތަކާ ގުޅިގެން އެމްއޭސީއެލްގެ އިސް ވެރިން ފިއުލް ފާމަށް ޒިޔާރަތްކުރެއްވިއެވެ. އެގޮތުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަޠީފް ވަނީ ފިއުލް ފާމަށް ޒިޔާރަތްކޮށް ތަމްރީންތައް ކުރިއަށް ގެންދާގޮތް ބައްލަވާލައްވައި ތަމްރީނު ޕްރޮގްރާމްތައް ބަލައި މުވައްޒަފުންނަށް ހިތްވަރު ދީފައިވެއެވެ.
އެމްއޭސީއެލްއިން ބުނީ މި ޕްރޮގްރާމަކީ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ހިންގޭ މުހިންމު ޕްރޮގްރާމެއް ކަމަށެވެ.
އެމްއޭސީއެލްގެ މަގުސަދަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ޒަމާނީ ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށާއި މި ތަމްރީނު ޕްރޮގްރާމްތަކަކީ އެ މަގުސަދު ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެމްއޭސީއެލް އިން ވަނީ ހާމަކޮށްފައެވެ.

