އިސްރާއީން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެންކަމަށް ބުނެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް އެއްވެ އަޑުއުފުލައި ސަފީރުންނަށް އުނދަގޫ ކުރަމުން ދިއުމުގެ ތުހުމަތުގައި ހައްޔަރު ކުރި ދީނީ އިލްމުވެރިޔާ، ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން، އައިޝަތު ޝާދިޔާއާއި ޑރ. ޝަޒްރާ އިބްރާހިމްގެ ބަންދަށް ތިން ދުވަސް ޖަހައިފިއެވެ.
އެމީހުން ހައްޔަރުކޮށްފައިވާ އަނެއްސަބަބަކީ ޑިޕްލޮމެޓިކް މިޝަންތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުތައް ބަހައްޓާފައިވާތީ އަދި ވަކި ސަފީރަކަށް އުނދަގޫކުރުމުގެ އަމަލުތަކެއް ހިންގަމުން ދިއުމުން ސުލްހަވެރިކަމާ އެކު އެ ސަރަހައްދުން ދިއުމަށް އެ މީހުންނަށް އެންގުމުން އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި އެ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
އެ މައްސަލައިގައި ހައްޔަރުކުރި ދެ އަންހެނުންނަކީ:
-
ޑރ. ޝަޒުރާ އިބްރާހީމް
-
އާއިޝަތު ޝާދިޔާ
ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ އެގޮތަށް އަމަލުތައް ނުބެހެއްޓުމަށް ތަކުރާރުކޮށް ނަސޭހަތްތެރި ވުމަށް ފަހު ކަމަށެވެ.
ޑރ ޝަޒުރާއަކީ އާންމުގޮތެއްގައިވެސް އަޑުގަދަކުރާ ހިފައިގެން އިޒްރޭލާ ދެކޮޅަށް އަޑުއުފުލަމުންދާ އަންހެނަކަށް ވާއިރު ބައެއް ހާލަތްތަކާއި ވަގުތުތަކުގައި ކަންތައް ކުރެވޭ ގޮތުން އާންމު ރައްޔިތުންނަށް އުނދަގޫވެގެން ބަސްބުނެފައިވެއެވެ. އެގޮތުން ބައެއް ފަހަރު ކޭއެފްސީ ސަރަހައްދުގައި އަޑުގަދަ ކުރާއިން ބާރަށް ގޮވައި އަޑުއުފުލައި ހަދާއިރު ކުރިމަތީގައި ހުންނަ މިސްކިތުގައި ނަމާދުގަޑި ޖަމާއަތް ނިމުމަށްފަހުވެސް އަޅުކަމުގައި ތިބޭ މަދުފަރާތްތަކަކަށް ވިޔަސް މިކަމުން ދަތިތަކެއް ވާ ކަމުގެ ޝަކުވާ އުފުލާފައިވެއެވެ.

