ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
މި ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، މިދިޔަ ހޯމަ ދުވަހު ރައީސް މުޙައްމަދު މުޢިއްޒު ވަކިކުރެއްވި ހަތަރު މެންބަރުންގެ މަޤާމުތަކަށެވެ.
ވަކިކުރެވުނު މެންބަރުންގެ ތެރޭގައި ހިމެނެނީ ޓްރައިބިއުނަލްގެ ރައީސް މުޙައްމަދު މުނައްވަރު ޢަލީ، ނައިބު ރައީސް ޙުސައިން ޒައިދާން ޖަލީލު، މެންބަރު އަޙްމަދު އަޝްރަފް އަދި މެންބަރު ޚަދީޖާ ނަޢީމެވެ. މެންބަރު އިސްމާޢީލް ސާޖިދު ވަކިނުކޮށް ދެމިހުންނެވި އެވެ.
ރައީސް އޮފީހުގެ އިޢުލާނުގައިވާ ގޮތުން، މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 12:00 އަށެވެ.
ޓްރައިބިއުނަލްގެ މެންބަރުންގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ އުމުރުން 18 އަހަރު ވެފައިވާ ދިވެހި ރައްޔިތަކަށްވުމާއި، ހައްދެއް ކަނޑައެޅިފައިވާ އަދި ރިޝްވަތުގެ ކުށެއް ސާބިތުވެފައި ނުވުމެވެ. އަދި އިފްލާސްކުރެވިފައިވާ މީހަކު ކަމުގައި ނުވުމާއި، އިންތިޚާބުކުރެވޭ މަޤާމެއްގައި ނެތުމާއި، ސަރުކާރުގެ ކުންފުންޏެއްގެ އިސް މަޤާމެއްގައި ނެތުން ހިމެނެ އެވެ.
މީގެ އިތުރުން، ޓެކްސް، އިޤްތިޞާދު، މާލީ، އެކައުންޓިންގ، ވިޔަފާރި ނުވަތަ ޤާނޫނީ ދާއިރާއިން މާސްޓަރސް ހާސިލުކޮށްފައިވުން ނުވަތަ އެއާ އެއްފެންވަރެއްގެ ސަނަދެއް ހާސިލުކުރުމަށްފަހު އެ ދާއިރާއެއްގައި މަސައްކަތްކޮށް، މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވުމާއި، އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ޝަރުޠުތަކުގެ ތެރޭގައި ހިމެނެ އެވެ.

