ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޝަން ފެއްޓުމަށް ސަރުކާރުން ކުރި އިއުލާނަށް 36 ފަރާތަކުން ކުރިމަތިލައްވާފައިވާ ކަމަށް ވަޒީރު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެފައި ވަނީ ޕީ.އެސް.އެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު އަމީން ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަނަށް ކުރިމަތިލައްވާފައިވަނީ ދުނިޔޭގެ ހެލިކޮޕްޓަރ އޮޕަރޭޝަންގެ ބޮޑެތި ކުންފުނިތަކެވެ. މިހާރު ކުރިއަށްދަނީ މި މަޝްރޫއަށް އެންމެ އެކަށީގެންވާ ޕްރޮޕޯނެންޓެއް ހޯދުމުގެ މަސައްކަތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
“މި މަސައްކަތް ކުރިއަށްދަނީ ކަނޑައެޅިފައިވާ ޝެޑިއުލްއާ އެއްގޮތަށް. އަޅުގަނޑުމެން އުންމީދު ކުރަނީ ވީހާވެސް އަވަހަކަށް މި ޚިދުމަތް ރާއްޖޭގައި ފެށިގެންދާނެ ކަމަށް،” ވަޒީރު އަމީން ވިދާޅުވިއެވެ.
ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޝަން ފެށުމަކީ ޓޫރިޒަމް އަދި މެޑިކަލް އިވެކުއޭޝަން ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ. މީގެ އިތުރުން، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމަށްވެސް މިކަމުން ފަސޭހަތަކެއް ލިބިގެންދާނެއެވެ.

