ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ރާއްޖޭގައި ހެލިކޮޕްޓަރ އޮޕަރޭޝަންސް ހިންގުމަށް ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ މަޝްރޫޢުގެ ދަށުން ރާއްޖޭގައި ހެލިކޮޕްޓަރ މެދުވެރިކޮށް އެއަރ އެމްބިއުލަންސް ޚިދުމަތް ޤާއިމްކުރުމާއި، ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ކޮމާޝަލް ޕެސެންޖަރ ދަތުރުތައް ތަޢާރަފުކުރުމަށް ރޭވިފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ އެ މަޝްރޫޢު އިޢުލާނުކޮށްފައިވަނީ މި އޮގަސްޓް 5 ވަނަ ދުވަހު ކަމަށާއި، ކުރިމަތިލުމުގެ ފުރުސަތު މި އޮގަސްޓް 19 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެހެންނަމަވެސް މުއްދަތު ހަމަވެގެން ދިޔައިރުވެސް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާ ކަމަށާއި، އަދި ޕްރޮޕޯސަލް ހުށަހެޅުމަށް އެއްވެސް ފަރާތަކަށް ދަޢުވަތު ދީފައިނުވާ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހަމައެހެންމެ ޓްރާންސްޕޯޓް މިނިސްޓްރީން ރާއްޖޭގައި ހިންގަން ނިންމާފައިވާ ހެލިކޮޕްޓަރ އޮޕަރޭޝަންސްގެ މި މަޝްރޫއު، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ހަވާލުކޮށްފައި ކަމަށް ބުނެ މީޑިއާގައި ފަތުރަމުންދާ ބައެއް ޚަބަރުތަކަކީ ދޮގު ޙަބަރު ތަކެއްކަން ފާހަގަކުރުމާއެކު އެމިނިސްޓްރީން ބުނީ މިހާތަނަށް އެއްވެސް ފަރާތަކަށް މި މަޝްރޫޢު ޙަވާލުކޮށްފައިނުވާ ކަމަށެވެ.

