ދުނިޔޭގެ ލިޔަން ކިޔަން ދަތުމުގެ ދުވަސް ފާހަނގަ ކުރުމުގެ ގޮތުން ގދ.ރަތަފަންދޫ ސްކޫލުގެ ބެލެނެވެރިން ހާއްސަ ތަމްސީލެއް ހުށަހަޅައިދީފިއެވެ.
ރަތަފަންދޫ ސްކޫލުގެ ޕްރިންސިޕަލް އިސްވެ ހުނަންވައިގެން އެސްކޫލުގެ ކުދިންނާއި ބެލެނެވެރިން ހުށަހަޅައިދިން “މަން ނުކޭވުނެ ކަމުން” ތަމްސީލަކީ ވަރަށް އިބްރަތުން ފުރިގެންވާ މިހާރުގެ ޖީލުތަކަށް ދައްކުވައިދިން މިސާލެކެވެ.
ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ރަތަފަންދޫ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ ދުނިޔޭގެ ލިޔަން ކިޔަން ދަތުމުގެ ދުވަސް އިއްޔެ އެސްކޫލުގައި ފާހަނގަކޮށްފައިވާ ކަމަށާއި ބެލެނެވެރިން ހުށަހަޅައިދިން “މަން ނުކޭވުނެ ކަމުން” ޑްރާމާ ވަރަށް ފުރިހަމަކަމަށެވެ.
މީގެ އިތުރުން ޕްރިންސިޕަލް ވިދާޅުވީ އަމަލީ ގޮތުން ޑްރާމާގައި ބައިވެރިވެފައިނުވީނަމަވެސް އެޑްރާމާ އަކީ އޭނަގެ އިރުޝާދުގެ މަތިން ބޭއްވުނު އިވެންޓެއް ކަމަށެވެ. އަދި މިޑްރާމާގެ ބޭނުމަކީ ލިޔަން ކިޔަން އެގުމަކީ މިޒަމާނުގައި ކިހާ މުހިންމު ކަމެއްކަން ސްކޫލް ކުދިންނަށް އަންގައިދިނުން ކަމަށާއި މިއީ އެސްކޫލުގެ ދަރިވަރުން ކިޔެވުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިޔަށް ގެންދެވުނު އިވެންޓެއް ކަމަށް ޕްރިންސިޕަލް ވަނީ ވިދާޅުވެފައެވެ.
މިފަދަ ކަމެއް ނިމިގެން ދިޔައިރު ބެލެނެވެރިންނާއި ކުދިންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަނގަކޮށް ޕްރިންސިޕަލްވަނީ ޝުކުރު އަދާކޮށްފައެވެ.
“މަން ނުކޭވުނެ ކަމުން” ތަމްސީލާއި ބެހޭގޮތުން ރަތަފަންދޫ ސްކޫލުގެ ބެލެނެވެރިއެއް ކަމަށްވާ ހައިޝިއްޔާ ނަޖީބް ބުނެފައިވަނީ އެތަމްސީލުން ކުދިންނާއި ބެލެނެވެރިންނަށްވެސް އިބްރަތްތެރި ނަސޭހަތެއް ލިބިގެންދިޔަ ކަމަށާއި ކާމިޔާބު މެސެޖްތަކެއް ފޯރުކޮށްދެވުނު ކަމަށެވެ.

