ސަރުކާރުގެ ސިޔާސަތަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދޭއިރު، އެމީހަކަށް އެންމެ އެކަށިގެންވާ ވަޒީފާއެއް ދިނުންކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްްޤީއާބެހޭ ވުޒާރާއިން ބުނެފިއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަކޮށްގެން ވަޒީފާތައް ދިން ނަމަވެސް، އެމީހުންނަށް ދެވޭ ވަޒީފާތަކަކީ އެމީހަކަށް އެންމެ އެކަށޭނަ ވަޒީފާތަކަކަށްނުވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. އޭގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ އަދާކުރުމުގައި އެކި ގޮންޖެހުންތައް ދިމާވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމާ ގުޅޭގޮތުން ދައުލަތު-ގެ މީޑިޔާ ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްގޫއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާތިފް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދޭއިރު އެމީހުންނަށް އަދާކުރެވޭފަދަ އެންމެ އެކަށޭނަ ވަޒީފާ ދިނުން ކަމަށެވެ. އެގޮތުން ވަޒީފާދޭއިރު އެމީހުންގެ ކިބަގައިވާ ހުނަރާއި ޤާބިލްކަމަށް ބެލޭނެކަމަށް ޢާތިފް ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތްކުރުމަށް އެ ވުޒާރާގައި ޚާއްޞަ ސެކްޝަނެއް އުފައްދަވާފައިވާކަމަށެވެ. އެ ސެކްޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދީ، ވަޒީފާ އަދާކުރުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ކުރިމަތިލާންޖެހޭ ދަތިތައް ދެނެގަތުމާއި، ވަޒީފާއަދާކުރުމުގައި ބޭނުންވާ ހުނަރުތައް ދަސްކޮށްދީ، ތަމްރީން ހިންގުން ހިމެނޭކަމަށް ޢާތިފް ވިދާޅުވިއެވެ.

