މާލެސިޓީގައި ރޭ އަންހެނަކު ރަހީނު ކުރި ހާދިސާގެ ވަގުތު ސީނުގައި ހަރަކާތްތެރިވި ފުލުހުން ކަންތައް ކޮށްފައިވާ ގޮތަށް ތައުރީފު ކުރެއްވުމާއެކު، އެއީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ސީޕީ އަލީ ޝުޖާއު މިފަދައިން ވިދާޅުވީ، އެހާދިސާއާއި ހަރަކާތްތެރިވި ފުލުހުންނާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.
މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވެވި މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީނިއަރ މެނޭޖްމަންޓްގެ ބައެއް އޮފިސަރުންނާއި، ރޭގެ ހާދިސާގެ ކޮމާންޑަރުންނާއި، ހަރަކާތްތެރިވި ޓީމްތަކުގެ ލީޑަރުން އަދި އެ ހާދިސާގައި ހަރަކާތްތެރިވި ހުރިހާ ފުލުހުން ބައިވެރިވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، މިއީ އަލަށް ދިމާވި ނުރައްކާތެރި ހާދިސާއެއް ނަމަވެސް ވަރަށް ކާމިޔާބު ކަމާއި ޕްރޮފެޝަނަލް ކަމާއެކު "ތުރެޓް ނިއުޓްރަލައިޒް" ކޮށްފައިވާ ކަމަށެވެ. އަދި މިއީ ކާމިޔާބު މަސައްކަތެއްކަމާއި އެކަމަށްޓަކައި ހަރަކާތްތެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވާކަމަށެވެ.
ކޮމިޝަނަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރޭގެ އޮޕަރޭޝަންގައި ކޮމިއުނިކޭޝަން ވަރަށް ރަނގަޅަށް ދިޔަކަމާއި މިއީ ކޯޑިނޭޝަން ރަނގަޅު އޮޕަރޭޝަނެއްކަން ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން، ހާލަތާއި ނުކުމެދާނެ ނަތީޖާއަށް ބަލާއިރު "ނިއުޓްރަލައިޒް" ކުރުމުގައި ނިންމި ނިންމުން ރަނގަޅުކަންވެސް ކޮމިޝަނަރ ފާހަގަ ކުރެއްވިއެވެ. އަދި ﷲ ގެ އިރާދާފުޅާ އެކު ވިކްޓިމްއަށް އަދި ސަސްޕެކްއަށްވެސް ބޮޑު އަނިޔާއެއް ނުވެ ނިއުޓްރަލައިޒް ކުރެވުނު ކަން ކޮމިޝަނަރ ގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
ކޮމިޝަނަރ އިތުރަށް ވިދާޅުވީ މި ހާދިސާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު ފަހުރުވެރިވާ ކަމަށާއި، މިއީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން ކުރަންޖެހޭ މަސައްކަތެއް ކުރުމުގައި ފުލުހުން ޖެހިލުން ނުވާނެކަމުގެ މިސާލެއް ކަމަށެވެ. އަދި ރައްޔިތުންގެ ތައުރީފް ފުލުހުން ރޭ ހިންގި އޮޕަރޭޝަނަށް ލިބެމުން ދާކަމަށާއި އިތުރަށް ރަނގަޅު ކުރުމަށް ހިޔާލުތައްވެސް ލިބެމުންދާކަމަށާއި އެކަންކަން ބަލައިގަންނަކަމަށްވެސް ވިދާޅުވިއެވެ. ހަމައެހެންމެ;` މިފަދަ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން އިތުރު ތަމްރީންތައް ހަދަމުން ގެންދިއުމުގެ މުހިއްމުކަން ބޮޑުކަމަށާއި ހުރިހާ ފުލުހުންވެސް އެންމެ އިސްކަމެއް ދޭ ކަމަކީ ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށް ހެދުމަށް ކޮމިޝަނަރ އެދިލެވަޑައިގެންނެވިއެވެ.
ރޭ އަންހެނަކު ރަހީނު ކުރި މީހާއަށް ލިބުނު އަނިޔާއަށް ފަރުވާދިނުމަށް ފަހު މިހާރުވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. އަދި އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ގެންދަނީ ތަހުގީގު ކުރަމުންނެވެ.ރޭ ހިނގި ރަހީނުކުރުމުގެ ހާދިސާގެ ވިކްޓިމްގެ ހާލު ކޮމިޝަނަރ އޮފް ޕޮލިސް މިއަދު ވަނީ ބައްލަވާފައެވެ.

