ސިނަމާލެ ބުރިޖް ހަދަމުންދިޔައިރު އެ ބުރިޖްގެ އެއްލޭނު މަދުކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކޯފާ އިސްކުރައްވާ ބުރިޖް ހުޅުވަން އޮތް މުއްދަތު ފަސް ކުރައްވަން އެދިވަޑައިގެން ކަމަށާއި، ނަމަވެސް ބުރިޖްގެ ލޭނެއް މަދުނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެންވިދާޅުވީ ސަންގުޓިވީގެ ނިއުސްރޫމުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންވެެ. ރައީސް ވިދާޅުވީ ބުރިޖް ނިންމާ ހުޅުވަން ހަފްތާއަކަށް ވެފައިވަނިކޮށް އޭރު ޕީޕީއެމްގެ އޮފީސް ހިނގަމުންދިޔަ ސަކީނާ މަންޒިލްގައި، ކެބިނެޓްގެ ވަޒީރުންނާއި އަދި ޕާޓީގެ އިސް ބޭފުޅުންނާއެކު ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ އެއް ލޭނު މަދު ކަމަށްވިދާޅުވެ ބުރިޖް ނުހުޅުވާ މަޑުޖައްސާލަން އެދުނު ކަމަށެވެ. އަދި އެހެން ވިދާޅުވުމަށްފަހު ޖަލްސާ މެދު ކަނޑާލުމަށްފަހު ގެއަަށް ވަޑައިގެންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
" އެވަގުތު ރޮވުނު. ދެން ފަހުން ރައީސް އަށް ގުޅުއްވާ ދެންނެވިން ޗައިނާ އާއި ރާއްޖެ އާއި ދެ ގައުމުގެ ގުޅުމަށް ވަރަށް ބޮޑަށް ހީނަރުކަމެއް އަންނާނެ ކަމަށް. ސަފީރާ ބައްދަލުކޮށްފަ ދައުވަތުވެސް ދެއްވާފަވާ ކަމަށް. އަދި ސަފީރާ ބައްދަލުކޮށް ވާހަކަފުޅުވެސް ދައްކަވާފަވާ ކަމަށް." ރައީސް
ވަގުތުން ރައީސް ޔާމީނަށް ގުޅުއްވި ކަމަށާއި، އެ ފޯން ކޯލަށްފަހު ބުރިޖް ހުޅުވަން ހުއްދަ ދެއްވި ކަމަށެވެ. ނަމަވެސް ކުރިން އެފަދަ ވާހަކަފުޅެއް ރައީސް ޔާމީން ދައްކާފައި ނުވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެފަދަ ވާހަކައެއް ރައީސް ޔާމީން އެ ޖަލްސާގައި ދެއްކެވީ ކޮން ސަބަބަކާހެދި ކަމެއް އެއްގޮތަކަށްވެސް އެނގިވަޑައި ނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. ބުރިޖުން ލޭނެއް މަދު ނުވާ ކަމަށާއި، ލޭނެއް ވީ އިތުރު ކަމަށެވެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު މި ދިޔަ ހަފްތާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމްވެސް ވަނީ ސަންގުޓީވީގެ ޕްރޮގުރާމެއްގައި މި ވާހަކަތައް ވަރަށް ތަފްސީލް ކޮށް ވިދާޅުވެފައެެވެ.
ސިނަމާލެ ބުރިޖްކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ގާއިމްކުރި ބުރިޖެކެވެ. އެ ބުރިޖްގެ ދިގުމިނުގައި ޖުމްލަ 1.39 ކިލޯމީޓަރުހުރެއެވެ. މިއީ 200 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. އެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދަދެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ.
މި މަސައްކަތަށް ދިވެހި ސަރުކާރުން ހޭދަކޮށްފައިވަނީ 12 މިލިއަން ޑޮލަރެވެ.

