ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް “ސިނަމާލެ ބްރިޖް”އަށް 6 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ތަހުނިޔާ ވިދާޅުވީ މި ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން އެކްސްގަ ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ 30 އޯގަސްޓް 2018 ވަނަ ދުވަހު ހުޅުވިގެންދިޔަ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަށް 6 އަހަރު ފުރުން ފަޚުރުވެރިކަމާއެކު ފާހަގަކުރައްވާކަމުގައެވެ.
ރައީސްގެ މެސެޖުގައި، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ އިންޖިނިއަރިންގގެ ކާމިޔާބީ ފާހަކުރައްވައި އަދި މި ބްރިޖަކީ ހަމައެކަނި ދިވެހިރާއްޖޭގެ ރަށްތައް ގުޅާލުމުގެ ރަމްޒެން ނޫންކަމުގައި ވިދާޅުވެފައިވެއެވެ. އޭގެ އިތުރަށްވެސް އެ ބްރިޖަކީ ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ދެގޮތެއްނުވާ ގާތް ރަޙުމަތްތެރިކަމާއި، ދެޤައުމުގެ މެދުގައި އޮތް އިތުބާރުގެ ރަމްޒެއް ކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ އެ ބްރިޖަކީ ތަރައްޤީ އާއި ތަނަވަސްކަމަށްޓަކައި ޗައިނާ އާއި ދިވެހިރާއްޖޭގެ ހިޔާލު އެއްގޮތްކަމާއި އެއްބައިވަންތަ ވިސްނުމުގެ ހެއްކެއް ކަމުގައެވެ.
ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

