ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި 45 ރަށަކަށް ބޭނުންވާ ޖެނެރޭޓަރުތައް ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ފެނަކަ މެނޭޖިން ޑިރެކްޓަރު މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މުއާޒު މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި މުއާޒު ވިދާޅުވީ ފެނަކައިން މިހާރު ތައްޔާރުވަމުންދަނީ އަންނަ ރަމަޟާންމަހަށް ތައްޔާރުވުމުގެގޮތުން 45 ރަށަކަށް ބޭނުންވާ ޖެނެރޭޓަރުތައް ހޯދުމުގެ މަސައްކަތްކަމަށެވެ.
45 ރަށަށް ބޭނުންވާ ޖަނަރޭޓަރުގެ އިތުރުން މުހިއްމު ސްޕެއަރތައް އޯވަރ ހޯލްކުރުމަށް ބޭނުންވާ ސްޕެއަރތަކާއި އެކީގައި ހޯދުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް މުއާޒު ވިދާޅުވިއެވެ.
އޭގެ އިތުރުން މުއާޒު ވިދާޅުވީ އިންޖީނުގެތަކުގެ ހާލަތު ދަށްވެފައިވަނީ ބަރާބަރަށް މެއިންޓެއިނެންސްގެ މަސައްކަތްކޮށްފައިނެތުމުން ކަމަށާއި ކަރަންޓުގެ ޚިދުމަތް މިހާރަށްވުރެ ރަނގަޅުކުރުމަށްޓަކާ ރަށްރަށުގެ ކަރަންޓު ނެޓްވޯކް އަޕްގްރޭޑުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ.
އެގޮތުން އެންމެ ހާލަތު ދަށް 15 ރަށުގައި މި މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. މީގެ ތެރޭގައި ތުޅާދޫ ހިންނަވަރު ފަދަ ރަށްތައް ހިމެނޭ ކަމަށާއި އެރަށްތަކުގެ އިތުރަށްވެސް ލިސްޓުތައް ތަރުތީބުކޮށްގެން މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް މުއާޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއާޒު ވިދާޅުވީ އެންމެ ހާލަތު ގޯސް ރަށްތަކަށް މިހާތަނަށް 47 ޖެންސެޓު ފޯރިކޮށްދީފައިވާކަމަށެވެ
ފެނަކަ އިން ކަރަންޓުގެ ޚިދުމަތް ދޭ ގިނަ ރަށްރަށުގައި މިއަހަރު ފެށިއިރު ހުރީ ޖެނެރޭޓަރުތަކުގެ ހާލަތު ރަނގަޅުކުރަންޖެހި ރަށްރަށުގެ ކެޕޭސިޓީ އިތުރުކުރަން ޖެހުމުގެ އިތުރުން ވަރަށް ގިނަ ޖެނެރޭޓަންތަކެއް ހުރީ އޯވަރހޯލް ކުރަންޖެހިފައި ކަން ފާހަގަކޮށްލެވެއެވެ.
ފެނަކައިން 150 އަށް ވުރެ ގިނަ ރަށުގައި ކަރަންޓުގެ ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ.

