މޯލްޑިވިއަން ރެޑް ކްރެސެންޓްގެ ފަރާތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ޕާޓްނަރ ރިކޮގްނިޝަން އެވޯޑް އަރުވައިފިއެވެ.
އެ އެވޯޑް ވުޒާރާއަށް ހަވާލުކޮށްފައިވަނީ މޯލްޑިވިއަން ރެޑް ކްރެސެންޓްގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ޚާއްސަ ހަފްލާގައެވެ.
27 އޮގަސްޓް 2024 ގައި ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވުނު އެ ޙަފްލާގައި، ވުޒާރާގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަންފައިވަނީ ޕާމަނަންޓް ސެކްރެޓަރީ ޟައުފިޝާން ޢަބްދުالله ކަމާލުއްދީންއެވެ.
އެ އެވޯޑަކީ މުޅި ދިވެހިރާއްޖޭގައި އިންސާނީ ޚިދުމަތްތައް ކުރިއެރުވުމަށާއި މުޖުތަމަޢުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވިއަން ރެޑް ކްރެސެންޓާއެކު ގިނަ ދުވަސްތަކެއް ވަންދެން ވުޒާރާއިން ކޮށްފައިވާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އަރުވާފައިވާ އެވޯޑެކެވެ.
އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށް، މުޖުތަމަޢުގައި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވިއަން ރެޑްކްރެސެންޓާއި އަދި އެހެނިހެން ފަރާތްތަކާއެކު ކުރެވޭ މަސައްކަތުގެ ތެރެއިން، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަކީ އެ ވުޒާރާގެ މުހިންމު އެއް އަމާޒެވެ.
އަދި ވުޒާރާއިން ގެންދަނީ އިންސާނީ ޚިދުމަތް ފޯރުކޮށްދޭ ޖަމުއިއްޔާ ޖަމާއަތްތަކާއި ގާތް ގުޅުމެއް އުފައްދާ އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތައް ދެނެގަނެ ގުޅިގެން ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުން ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.

