ހިތާވެގެން އުޅުނު އަންހެންމީހާ ރަހީނުކޮށް ކަރުގެ ދެފަރާތުން ވަޅި ޖައްސައިގެންހުރެ ވަޅި ހަރާލާނެ ކަމުގެ އިންޒާރާއި ބިރު ދެއްކި އަތުހަރުގެ ބަންދަށް ދީފައިވާ 3 ދުވަސް ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުން މުއްދަތު ކޮމިޓީއިން ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފިއެވެ.
އަތުހަރުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުގެ މުއްދަތު ކޮމިޓީއަށް ހުށަހެޅުމުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އަތުހަރު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
އަންހެނަކު ރަހީނުކޮށް މާފަންނު ގެއެއްގެ ތެރޭގައި އެމީހާގެ ކަރުގެ ދެފަރާތުން ދެ ވަޅި ޖައްސައިގެން ހުރެ ފުލުހުންނަށާއި އާންމުރައްޔިތުންނަށްވެސް ބިރު ދައްކަމުން އަންހެންމީހާ ގޮވައިގެން ހަވީރުން ފެށިގެން ރޭގަނޑާ ހަމައަށް އެތަކެއް ހައިޖާނުތަކެއް ހިންގި ފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ކުރި މަސައްކަތުގެ ތެރޭގައި ލިބުނިު އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު އަތުހަރު މިހާރު ހުރީ ފުލުހުންގެ ހައްޔަރުގައެވެ.
މިނިމުނު ހަފުތާގެ ބުރާސްފަތި ދުވަހު ހަވީރުއްސުރެ، މާފަންނު ގެއެއްގެ ތެރެއަށް އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ އަންހެންމީހާ ގޮަވައިގެން ވަދެ، އެ ގޭ މީހުންނާއި ކުދިންނަށް ބިރުދައްކައި އިންޒާރުދެމުން ބުނަމުންދިޔައީ އަންހެންމީހާގެ ކަރަށް ވަޅި ހަރާލާނެކަމަށެވެ. އޭނާއަށް ނަސޭޙަތް ދިނުމަށް އެކަމާ ބެހޭ ފަރާތުން ވަޑައިގެންނެވި މީހާއަށްވެސް އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ އަންހެންމީހާ އެގެއިން ނެރެގެން ގޮސް ސައިކަލަށް އަރައި ދުއްވާލަން މަސައްކަތް ކުރިއެވެ. އޭރުވެސް ފުލުހުން ދިޔައީ އަންހެންމީހާ ސަލާމަތްކުރުމަށް އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ.
އަދިދެން ވަކި ހިސާބަކުން ފުލުހުން ވަނީ ހުށިޔާރުކަމާއެކު އަންހެންމީހާ ސަލާމަތްކޮށްފައެވެ. މިކަމުގެ ތެރޭގައި ދެމީހުންނަށް އަނިޔާވެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. ނަމަވެސް އަންހެންމީހާއަށް މާބޮޑު އަނިޔާތަކެއް ނުލިބެއެވެ. އަތުހަރަށް ލިބުނު އަނިޔާތަކާ ގުޅިގެން އެންމެފުރަތަމަ އޭނާއަށް ފަރުވާދީފައިވަނީ އޭޑީކޭއަށް ގެންގޮސްގެންނެވެ.
އެހެންނަމަވެސް، ހައްޔަރު ކޮށްފައި ހުއްޓާ އޭނާ ހޮޑުލާތީ ފަރުވާދިނުމަށް ފަހުން އައިޖީއެމްއެޗަށް ގެންދިޔައީއެވެ. މި ހާދިސާގައި އަންހެންމީހާ ރަހީނުކުރި އަތުހަރަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް އަތުހަރު ސަލާމަތްވީ މިދިޔަ ސަރުކާރުގެ ދުވަސްވަރު އޭނާއަށް ރައީސް އަފްއާމް ދެއްވުމުންނެވެ.
ހައްޔަރު ކުރުމަށްފަހު ފުރަތަމަ ކްރިމިނަލްކޯޓުގެ މުއްދަތުކޮމިޓީއިން އަތުހަރުގެ ބަންދަށް ދިނީ 3 ދުވަހެވެ.

