ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ކޮންމެ މާމައަކާއި ކާފައެއްގެ ނަސޭހަތް ގައުމަށް ބޭނުންވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ގައުމީ މާމަ ކާފަ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނުގެ ކުރު ޕޯސްޓުގައި ވިދާޅުވެފައިވަނީ އާރުލާ، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ކޮންމެ މާމައަކާއި ކާފައެއްގެ ނަސޭހަތާއި މަގުދެއްކުން ގައުމަށް ބޭނުންވާ ކަމުގައެވެ.
ގައުމީ މާމަ ކާފަ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. މި ދުވަސް ފުރަތަމަ ފާހަގަކުރީ 2020 ވަނަ އަހަރުއެވެ.
ގައުމީ ފެންވަރުގައި މާމަ ކާފަ ދުވަސް ފާހަގަކުރުމުގެ މަގުސަދަކީ އުމުރުން ދުވަސްވީ މީހުން ގައުމަށް ކޮށްދީފައިވާ ޚިދުމަތްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމާއި، އެ މީހުންނަށް ލިބިފައިވާ ތަޖުރިބާއާއި މައުލޫމާތު ހިއްކުރުމަކީ މުހިންމު ކަމެއްކަން ހާމަކޮށްދިނުމާއި، މުޖުތަމައުގައި ދިރިއުޅޭ ކޮންމެ ގިންތިއަކާއި، ފަންތިއެއްގެ ބަޔަކު ވެސް ހަވާސާ ކުރުމެއްނެތި އެންމެންގެ ބައިވެރިވުން އެކުލެވޭ ވެއްޓެއްގެ ގޮތުގައި މުޖުތަމައު ހެދުމެވެ.
މިގޮތުން ސްކޫލް، ކޮލެޖް، ޔުނިވަރސިޓީތަކުގައި ގައުމީ އަދި ބައިނަލްއަގުވާމީ އެހެނިހެން ދުވަސްތައް ފާހަގަކުރާ ގޮތަށް ގައުމީ މާމަ، ކާފަ ދުވަސް ފާހަގަކޮށް، ޅަދަރިންނާއި ޒުވާނުންގެ ހިތްތަކުގައި މާމައިންނަށާއި ކާފައިންނަށް ލޯތްބާއި އަޅާލުމާއި، އިހުތިރާމް އެންމެ މަތީދަރަޖައަކަށް އަށަގަނެވި ތިން ޖީލު ގުޅިގެން އެކުވެރި، އަޅައިލާ އަދި އޯގާތެރި މުޖުތަމައުއެއް ބިނާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

