ދިވެހިރާއްޖެއަށް ޕޭޕަލްގެ އެކްސެސް ހޯދުމާގުޅޭ ޕްރޮޕޯޒަލް އެ ކުންފުންޏަށް މިހާރު ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސަޢީދު މިކަން ހާމަކުރެއްވީ ޓީވީއެމްގެ ”ރާއްޖެ މިއަދު” ޕްރޮގްރާމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ސަޢީދު ވިދާޅުވީ ދުނިޔޭގެ އެކި ސަރަހައްދުތަކުން ފައިސާ ފޮނުވައި އަދި ފައިސާ ލިބިގަތުމަށް ބޭނުންކުރާ މަޝްހޫރު ޕޭމަންޓް ސިސްޓަމްކަމަށްވާ ޕޭޕަލް ރާއްޖެއަށް ތައާރަފުކުރުމާ ގުޅޭ ޕްރޮޕޯޒަލް މީގެ ދެތިން ދުވަސްކުރިން ފޮނުވާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި މި ޚިދުމަތް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ވީހާވެސް އަވަހަކަށް ކޮންމެސް ކަހަލަ އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ނަމަވެސް ސީދާ މިވެނި ދުވަހަކު އެ ޚިދުމަތް ލިބޭނެ ކަމަށް ވިދާޅުނުވާނެ ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ.
ޕޭޕަލްގެ އެކްސެސް ރާއްޖެއަށް ހޯދުމަށް ހުރި ދަތިތައް ހައްލުކުރުމަށް މިދިޔަ މަހުގެ 22 ވަނަ ދުވަހު ސަޢީދު ވަނީ އެ ކުންފުނީގެ އިސްވެރިންނާ އޮންލައިންކޮށް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފައެވެ.
ރާއްޖެއަށް ޕޭޕަލް ތައާރަފުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

