ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށަށް ބަދަލުކުރުމަށް މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި މަޝްވަރާކުރައްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިއަދުގެ ކެބިނެޓު ބައްދަލުވުމުގެ ކުރިން ރައީސް އޮފީހުން ވަނީ ކެބިނެޓު ބައްދަލުވުމާގުޅޭ ގޮތުން ރައީސް ދެއްވާފައިވާ ބަސްދީގަތުމެއް ސޯޝަލްމީޑިއާގައި ހިއްސާކުރައްވައިފައެވެ.
އެގޮތުން ރައީސް ވިދާޅުވީ އެޗްޑީސީގެ ބެލުމުގެ ދަށަށް އެފްޑީސީ ގެނައުމަށް ނުވަތަ ދެ ކުންފުނި އެއްކޮށްލުމަށް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.
”ހަމައެއާއެކީގަ އެޗްޑީސީއާއި ފަހި ދިރިއުޅުން ކޯޕަރޭޝަން މި ދެ ކުންފުނި މާޖްކުރުން ނުވަތަ އެޗްޑީސީގެ ދަށުން ހިންގާ ސަބްސިޑިއަރީއަކަށް އެފްޑީސީ ހެދުން. މިކަމާ ވެސް މަޝްވަރާ ކުރަންޖެހޭ.”
ރައީސްގެ ވާހަކަފުޅުގައި ވަނީ މި ދެ ކުންފުނި އެއްކޮށްލުމުން ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއްވެގެންދާނެކަން ވެސް ފާހަގަކުރައްވައިފައެވެ.
އެޗްޑީސީގެ ދަށަށް އެފްޑީސީ ބަދަލުކުރުމަށް މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި މަޝްވަރާކުރައްވަން ނިންމަވައިފައިވާއިރު، މިދިޔަ ހަފުތާގެ ކެބިނެޓު ބައްދަލުވުމުގައި ވަނީ އެސްޓީއޯގެ ދަށަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގެންދަން ނިންމަވައިފައެވެ.
ދިވެހި ސަރުކާރުން އުފެއްދި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑަކީ ދިވެހި ރައްޔިތުންނަށް އިޖުތިމާއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އުފައްދާފައިވާ ކުންފުންޏެކެވެ. އެފްޑީސީ ރަސްމީކޮށް އުފައްދަވާފައިވަނީ 2019 ވަނަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ.

