ކ.ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ ފަސްގަނޑަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު މީހާ އަދިވެސް ނުުފެންނަ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އޮގަސްޓު 30 ވަނަ ދުވަހު ދަތުރު ގޮސް އުޅެނިކޮށް ގެއްލިފައިވަނީ މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43އ) އެވެ.
އޭނާ އެންމެފަހުން ފެނިފައިވަނީ އެ ދުވަހުގެ 10:00 އާއި 11:00 ހާއިރު ކަމަށް އޭނާއާއެކު ދަތުރުދިޔަ މީހުން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ.
އެ ދުވަހު 13:00 ހާއިރު މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން ތަސްލީމް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ ތަސްލީމް ހޯދުމުގެ މަސައްކަތުގައި އެ މުއައްސަސާގެ މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
އެގޮތުން އޭނާ ހޯދުމަށް ފިނޮޅުގެ ވަށައިގެން 5000 އަކަފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެންނާއި 3000 އަކަފޫޓުގެ ސަރަހައްދެއް ޑައިވްކޮށްގެން ކޯސްޓްގާޑްގެ ޑައިވަރުން ބަލާފައިވާ ކަމަށާއި އަދިވެސް އޭނާ ފެނިފައިނުވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެމްއެންޑީއެފްއިން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އޭނާ ގެއްލިފައިވަނީ މޫދަށްކަން ކަށަވަރުނުވާތީ އޭނާ ހޯދުމުގެ އޮޕަރޭޝަން ލީޑްކުރަނީ ފުލުހުން ކަމަށެވެ.
ފުލުހުން ވަނީ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އަދި އޮގަސްޓު 29 އަދި 30 (ބުރާސްފަތި / ހުކުރު) ދުވަހު އެ ފަސްގަނޑަށް އެއްވެސް ބަޔަކު ދަތުރުގޮސްފައި ވާނަމަ އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު (9794639) އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް އެދިފައެވެ.

