ރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ ބޮޑެތި އިންވެސްޓަރުންނަށް ރާއްޖެއިން ބޯހިޔާވަހިކަން ލިބޭ ޕްރޮގްރާމެއް ފެށުމުގެ މަޝްވަރާތައް ފަށައިފިއެވެ.
މިފަދަ ޕްރޮގްރާމެއް ފެށުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާނެ ކަމަށް އިއުލާނުކުރެއްވީ އެ ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ކުރިން ރައީސް ދެއްކެވި ވާހަކަފުޅުގެ ވީޑިއޯ، ރައީސް އޮފީހުން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.
އެގޮތުން ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު އަދި ކުރިއަރާފައިވާ ބައެއް ކުދި ގައުމުތަކުގައި ވެސް ކަންކުރާ ގޮތަށް އިގުތިސާދު ޑައިވަރސިފައިކުރުމަށް އިންވެސްޓަރ ރެސިޑެންސް ޕްރޮގްރާމެއް ތައާރަފުކުރުމާ ގުޅޭ ގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މިފަދަ ޕްރޮގްރާމްތަކަކީ ސިންގަޕޫރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީގައި ވެސް ހިންގާ ޕްރޮގްރާމްތަކެކެވެ.
ނަމަވެސް މިފަދަ ޕްރޮގްރާމެއް ރާއްޖޭގައި ކުރިއަށްގެންދާނެ ގޮތާ ގުޅޭ ގޮތުން އެމަނިކުފާނު އިތުރު ތަފްސީލެއް ނުދެއްވައެވެ.

