މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 1.34 މިލިއަން ބޭންކް ކާޑު ދޫކޮށްފައިވާ ކަމަށާއި މިދިޔަ އަހަރު އެކައުންޓްތަކުން 557.8 ބިލިއަން ރުފިޔާ ޓްރާންސްފަރ ކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެ އޮތޯރިޓީން އާންމުކޮށްފައިވާ މޯލްޑިވްސް ޕޭމެންޓްސް ބްލެޓިން 2023 އިން ދައްކާ ގޮތުން ދޫކޮށްފައިވާ ކާޑުތަކުގެ ތެރެއިން އެކްޓިވް އަދަދަކީ 69 އިންސައްތައެވެ.
އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުން ދޫކޮށްފައިވާ ކާޑުތަކުގެތެެރެއިން 62 އިންސައްތައަކީ ޑެބިޓު ކާޑެވެ. އަދި 34 އިންސައްތައަކީ ޕްރީޕެއިޑް ކާޑެވެ. 4 އިންސައްތައަކީ ކްރެޑިޓް ކާޑެވެ.
ޑެބިޓު ކާޑުތަކުގެތެރެއިން 52 އިންސައްތައަކީ ވިސާ ކާޑުކަމުގައިވާއިރު، 25 އިންސައްތައަކީ މާސްޓާ ކާޑެވެ. 18 އިންސައްތައަކީ އެމެރިކަން އެކްސްޕްރެސްއެވެ.
މީގެއިތުރުން ކްރެޑިޓް ކާޑުގެ 64 އިންސައްތައަކީ ވިސާ ކާޑު ކަމުގައިވާއިރު، 27 އިންސައްތައަކީ އެމެރިކަން އެކްސްޕްރެސްއެވެ. އަދި ނުވަ އިންސައްތައަކީ މާސްޓާ ކާޑެވެ.
ޕްރީޕެއިޑް ކާޑުތަކުގެ 99.97 އިންސައްތައަކީ މާސްޓާ ކާޑުކަމަށް ވެސް އެމްއެމްއޭއިން މައުލޫމާތުދެއެވެ.
ކާޑުތަކުން ކޮށްފައިވާ މުއާމަލާތްތަކަށް ބަލާއިރު މިދިޔަ އަހަރު ވަނީ 56.49 މިލިއަން މުއާމަލާތެއް ކޮށްފައެވެ. އެއީ ޖުމްލަ 22.96 ރުފިޔާގެ މުއާމަލާތެވެ.
މީގެއިތުރުން 2022 ވަނަ އަހަރު ކާޑުތަކުން ވަނީ 45.71 މިލިއަން މުއާމަލާތް ކޮށްފައެވެ. އެއީ ޖުމްލަ 17.92 ބިލިއަން ރުފިޔާގެ މުއާމަލާތެވެ.
އަދި މިދިޔަ އަހަރުގައި 109.6 މިލިއަން ޓްރާންސްފަރ ކޮށްފައިވާ ކަމަށާއި އެއީ ޖުމްލަ 557.8 ބިލިއަން ރުފިޔާ ކަމަށް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ.
2022 ވަނަ އަހަރާ އަޅާ ބަލާއިރު، މިއަހަރު ޓްރާންސެކްޝަންތައް 25 އިންސައްތަ އިތުރުވެ، ރުފިޔާގެ އަދަދުތައް 15 އިންސައްތަ އިތުރުވެފައިވާއިރު، ފަވަރަ ޚިދުމަތާއެކު މި އަދަދުތައް ކުރިއަށް އޮތް ތަނުގައި އިތުރުވެގެންދާނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

