އެމްބަސީއެއް ކައިރިއަށް އެއްވެ އަޑުގަދަކޮށް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅި މައްސަލައިގައި ހައްޔަރު ކުރި ޑރ.ޝަޒްރާ އާއި ޝާދިޔާގެ ބަންދަށް އިތުރު 5 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި މިދެމީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ މި ދިޔަ އޮގަސްޓު މަހުގެ 28 ވަނަ ދުވަހުއެވެ. މި ދެމީހުންގެ މައްޗަށް އެންމެ ފުރަތަމަ 3 ދުވަހުގެ ބަންދެއް ޖެހުމަށްފަހު އެ މުއްދަތު ހަމަވުމުން މިވަނީ އެމީހުންގެ ބަންދަށް 5 ދުވަސް ޖަހާފައެވެ.
މި މައްސަލައިގައި މީގެ ކުރިން ފުލުހުން ބަޔާނެއް ނެރެފައިވެއެވެ. މި ބަޔާނުގައި ފުލުހުން ބުނެފައިވަނީ އެ ދެ މީހުން ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލަވައި، ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށްފައިވާ ކަމަށެވެ
އަދި އެ ދެމީހުން އަޑުގަދަ ކުރަމުން ދިޔަ ސަރަހައްދުން ސުލްހަވެރިކަމާއެކު ދިޔުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅި ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައިގައި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގައި އުޅުއްވާ ސަފީރުންނާއި އެބޭފުޅުންގެ ޢާއިލާތަކަށް ގޯނާ ކުރުމަކީ ފަލަޞްޠީނަށް ނަޞްރު ދިނުމެއް ނޫން ކަމަށާއި އެތަށް ދުވަހެއް ވަންދެން ވަކި ސަފީރެއްގެ ގޭދޮށުގައި އަޑުގަދަކޮށް ރާއްޖެއިން ފައިބަން ގޮވައި އެބޭފުޅާއާއި އާއިލާއަށް ބިރު ދެއްކުމަކީ އިންސާފެއް ނޫން ކަމަށެވެ.
ފަލަސްތީނާއި އިޒްރޭލުގެ މައްސަލައިގައި ރާއްޖެ އަކީ ފެށުނީއްސުރެ ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރަމުން އަންނަ ގައުމެކެވެ.

