ސިނަމާލެ ބްރިޖުގެ ލޭނެއް މަދުވިކަމަށް ބުނެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދަނީ ހަގީގަތެއް ނެތް ސިޔާސީ ވާހަކަތަކެއް ކަމަށް ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ޒައާމަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުން މާލެއާއި ހުޅުމާލެއާ ދެމެދު އެޅި ބުރިިޖުގެ މަޝްރޫއާ ގުޅޭ ގޮތުން މި ދުވަސްވަރު ދައްކަމުން އަންނަ އެއް ވާހަކައަކީ ބްރިޖުގައި އޭރު ހިމަނަން ނިންމި ބައިސްކަލް ދުއްވާ ލޭން މަދުކަމަށް ބުނެ ދައްކަމުން އަންނަ ވާހަކައެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ލޭނު މަދުކަމަށް ބުނެ ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެއީ ސިޔާސީ ވާހަކަތަކެއް ކަމަށާއި ހަ އަހަރު ވަންދެން އެ ވާހަކަ ނުދައްކާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
”ރިޔާސީ އިންތިޚާބުތެރޭގައި ވެސް ދޮގު ހަދައިގެން އެތައް ވާހަކައެއް ރައީސް މުޢިއްޒުއާ ދެކޮޅަށް ފަތުރަމުން ދިޔައިރު ވެސް ތިޔަ ލޭނެއް މަދުވި ވާހަކައެއް ނުދައްކާ.” ލޭން މަދުވާނަމަ ޗައިނާއިން އެ ވާހަކަ ނުދައްކަނީ ކީއްވެތޯ ސުވާލުކުރައްވަމުން މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދޮގު ވާހަކަތައް ފަތުރައިގެން ސަރުކާރުގެ ފޯކަސް ގެއްލުވައިނުލެވޭނެ ކަމަށެވެ. އަދި މި ސަރުކާރުން ދާނީ ދަރަނިތައް އަދާކުރަމުން ކުރިއަށް ކަމަށާއި ރައީސް ޑރ. މުޢިއްޒު ސާބިތުކޮށްދެއްވަމުން ގެންދަވަނީ ކެތްތެރިކަމާއެކުގައި ވަރުގަދަ އަޒުމުގައި ކުރިއަށް ވަޑައިގަތުމުގެ އަޒުމެއްގައި ހުންނެވިކަން ކަމަށް މިިނިސްޓަރު ވިދާޅުވިއެވެ.
އުންމީދު ކުރައްވަނީ ދަރަނިތައް ދައްކަމުން ގައުމާއި ރައްޔިތުންނަށް އުންމީދީ ދުވަސްތަކެއް ފެނިގެން ދިއުން ކަމަށް ވެސް މިިނިސްޓަރު ވިދާޅުވިއެވެ.

