ދިވެހިރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް އައު ދޮރެއް ހުޅުވާލުމުގެ ގޮތުން އިގުތިސާދީ ހާއްސަ ސަރަހައްދުތަކެއް (އެސްއީޒެޑް) ގާއިމުކުރުމަށް ސަރުކާރުން މިވަގުތު ކުރިއަށް ގެންދާ ގިނަގުނަ މަސައްކަތްތައް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ހިއްސާކުރައްވައިފިއެވެ.
“އެސްއީޒެޑް” ގާނޫނުގެ ދަށުން ގާއިމު ކުރެވޭ މި ސަރަހައްދުތަކަކީ އިގުތިސާދީ ކުރިއެރުން އިތުރުކޮށް، ރާއްޖެއާއި ބޭރުގެ އިންވެސްޓްމަންޓްތަކަށް މަގު ފަހިކޮށް، ވިޔަފާރިއަށް ފަހި މާހައުލެއް އުފެއްދުމަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ ސަރަޙައްދުތަކެކެވެ. މި ސަރަޙައްދުތަކުގައި ޑިވެލޮޕަރުންނާއި އިންވެސްޓަރުންނަށް އެކި ބާވަތުގެ ވިސްނުމާއި ހިޔާލުތަކާއި ގާނޫނީ އެހީތެރިކަން ފޯރުކޮށްދީގެން އިންވެސްޓްކުރުމަށް ފަހި މާހައުލެއް ގާއިމުކުރުމަށް މަގުފަހިކުރުމެވެ.
އެސްއީޒެޑްތަކުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި
- ސިނާއީ، އިގުތިސާދީ، އިޖްތިމާއީ އަދި މާލީ ކުރިއެރުން އިތުރުކުރުން،
- ރާއްޖެއާއި ބޭރުގެ އިންވެސްޓްމަންޓް އިތުރުކޮށް، ބޭރުގެ ފައިސާ ލިބޭނެ މިންވަރު އިތުރުކުރުން
- ދިވެހިރާއްޖެއަށް އިލްމާއި، ޓެކްނޮލޮޖީއާއި، ހުނަރު ގެނައުން
- ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އުފައްދައި އިތުރުކުރުން
- މުދަލާއި ހިދުމަތްތައް އުފެއްދުން އިތުރުކުރުން
މިގޮތުން ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލަމުން އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ރާއްޖެ މިއަދު ޕްރޮގްރާމްގައި ވިދާޅުވީ ރާއްޖޭގެ ފޮރިން ކަރަންސީ އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ކުރާ ހަރަދު ކަމަށް ކަމުގައެވެ. ތެޔޮ އެތެރެކުރުމަށް ކުރާ އެހަރަދަށް އަހަރަކު ގާތްގަނޑަކަށް 500-600 މިލިއަން އެމެރިކާ ޑޮލަރު ހޭދަ ކުރެވޭ ކަމަށާއި، އޭގެ ތެރެއިން ބޮޑު ބައެއް ކަރަންޓު އުފެއްދުމަށް ބޭނުންކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ހަރަދުގެ ބޮޑު ބައެއް ކުޑަކުރެވިގެންދާނެ 100 މެގަވޮޓުގެ ކަރަންޓު އުފައްދާނެ ސޯލާ ސިޓީ ޕްރޮޖެކްޓަކީ ރާއްޖޭގެ އެސްއީޒެޑްގެ ފުރަތަމަ ޕްރޮޖެކްޓް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މި ޕްރޮޖެކްޓް ފެށުމުގެ ހުރިހާ މަސައްކަތެއް ދަނީ ނިމެމުން ކަމަށާއި، އުންމީދަކީ އޮކްޓޯބަރު މަހު ފުރިހަމަ ލައިސަންސް ލިބި، ނޮވެންބަރު މަހު އަމަލީ މަސައްކަތް ފެށުން ކަމުގައެވެ. އަދި 3 އަހަރުގެ ތެރޭގައި 100 މެގަވޮޓުގެ ކަރަންޓު އުފެއްދުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ ތެލުގެ އިމްޕޯޓަށް ކުރާ ހަރަދު މަދުވެގެންދާނެކަމަށެވެ. 2028 ވަނަ ޢަހަރާ ހަމައަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގަންނަވައިފައިވާ ވައުދެކެވެ.
އަދި އިހަވަންދިއްޕޮޅުގައި ގާއިމުކުރެވޭ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބަންކަރިންގ ހިދުމަތް ފެށުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް ފާހަގަކުރެއްވިއެވެ. މި ހިދުމަތް ފެށުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ދެ ބޯޓު ހޯދާފައިވާ ކަމަށާއި، މި ހިދުމަތް އަންނަ މަހުގެ 12 ވަނަ ދުވަހު ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ މަޝްރޫއުގެ ދަށުން ފުރަތަމަ ފެށޭނީ ބަންކަރިންގ ހިދުމަތް ކަމަށާއި، މި މަޝްރޫޢުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ކަސްޓަމްސް، ޑިފެންސް، ޕޮލިސް އަދި އެސްޓީއޯ ހަރަކާތްތެރި ވަމުންދާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، އެގްރިކަލްޗަރ އިކޮނޮމިކް ޒޯންގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި، މިއީ 250 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށާއި އަދި މި ހަފުތާގެ ތެރޭގައި ޑިވެލޮޕްމަންޓް ބޭންކުގެ ލައިސަންސް ލިބޭނެ ކަމަށާއި، މި ބޭންކުން ކުރިމަގުގައި ދިވެހިންނަށް ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތައް ތަރައްގީ ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށްވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

