ހުޅުމާލޭގައި ބާރަށް ދުއްވި ކާރެއް ސައިކަލެއްގައި މަޑުކޮށްގެންއިން މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ މައްސަލާގައި ކާރު ދުއްވި ކަމަށް ތުހުމަތުކުރާ އިބްރާހީމް އިކްރާމް، މ. ލޭންޑް އޮފް ގާޑެން، ދޫކޮށްލުމަށް ހައި ކޯޓުން އަމަރުކޮށްފި އެވެ.
މިއީ ޖުލައި 31 ގައި ހިނގި އެކްސިޑެންޓެކެވެ. އެކްސިޑެންޓް ހިނގި ވަގުތު ނަގާފައިވާ ވީޑިޔޯ އިން ކާރު ކޮންޓްރޯލުން ނެއްޓި ބާރަށް ދުވެފައި ގޮސް ސައިކަލުގައި ޖެހި އޭގައި އިން ޒުވާނާ ވަނީ ކާރު މަތިން ސޮއްސައިގެން ގޮސް މާދުރަށް ޖެހިފައެވެ. އަދި ކާރުގައި ތިބި ތިން މީހުން ވަނީ ކާރުން ނުކުމެ ފިލާފައެވެ. ޖެހިގެން އައި ދުވަހު އެ ތިން މީހުން ވެސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ.
އެ ތިން މީހުންގެ ތެރޭގައި ހިމެނޭ އިކްރާމް ވަނީ އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އޭނާ އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅިއިރު ސަބަބުގައި ބުނެފައި ވަނީ ވަކީލަކު ނެތި ދަށު ކޯޓުން ބަންދުގެ މުއްދަތު ޖެހި ކަމަށެވެ.
ހައި ކޯޓުން އެ މައްސަލާގައި މިއަދު ހުކުމްކުރީ ބަންދުގެ މުއްދަތު ޖެހީ ގޯސްކޮށް ކަމަށެވެ. އިކްރާމް ބަންދުކުރަން އަމުރު ނެރުނީ އޭނާއަށް ގާނޫނުއަސާސީން ލިބިދޭ ވަކީލަކު އައްޔަންކުރުމުގެ ހައްގަށް އެދިފައި ވަނިކޮށް އެކަން ހަމަޖައްސައި ނުދީ ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު ޖަހާފައި ވާތީ އެވެ.
ހައި ކޯޓުގައި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.
އެއީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ފައިސަލްގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. ދަށު ކޯޓުގެ އަމުރު ބާތިލްކުރީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އެ އެކްސިޑެންޓުގައި ބާރަށް ދުއްވާފައި ދިޔަ ކާރުގައި ތިބި ތިން މީހުންނަކީ ވެސް ކުށުގެ އެކި ރިކޯޑް އޮންނަ މީހުންނެވެ.
މި މައްސަލައިގައި ހިމެނޭ އަދި ދޫވި އިބްރާހިމް އިކްރާމް، 33، އަކީވެސް ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށްފައިވާ، ކުށުގެ ރެކޯޑު އޮތް މީހެކެވެ. އަދި އަނެއް ދެމީހުން، އިކްރާމުއްރަހުމާނާއި ޖިނާހް އިސްމާއީލަކީވެސް ކުށުގެ ރެކޯޑު އޮތް ދެމީހުންނެވެ.

