އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް) ގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން ކުންފުނީގެ ބައެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮތަށް ހަމަޖެއްސެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުން އެރުވި ލަފާފުޅުގެ މަތިންނެވެ.
މި ބައްދަލުވުމާގުޅޭ މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ އެގްރޯނެޓްގެ މަސައްކަތް ފްރީ ޒޯން ކުންފުނީގެ ބައެއްގެ ގޮތުގައި ރައީސް ހަމަޖައްސަވައިފައިވާ ކަމަށާއި އެއާއެކު ރާއްޖޭގައި ކުރިއަށްގެންދެވޭ އެގްރިކަލްޗަރ އެންމެ ބޮޑު މަސައްކަތް ކަމަށްވާ އެގްރިކަލްޗަރ އިކޮނޮމިކް ޒޯންގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅުގައި ފެށިގެންދާނެ ކަމަށެވެ.
މިއީ ގާތްގަނޑަކަށް 250 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއުއެއް ކަމަށް މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.
”އެހެންވީމަ އެގްރިކަލްޗަރުގެ އިކޮނޮމިކް ޒޯންތަކެއްގެ ގޮތުގަ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ މާލޭ އޭރިއާގަ މި ހިންގާ މަޝްރޫއުތައް ރާއްޖޭގެ އުތުރާއި ދެކުނުގަ ވެސް ކުރިއަށްގެންދިއުން ކަމަށްވާތީއާއި އަދި ރިސޯސް އެކިއެކި ކުންފުނިތަކަށް ބެހިގެންނުދާނެ ގޮތަށް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް މަސައްކަތެއްގެ ގޮތުގަ ދަނޑުވެރިންނަށް ވެސް އަދި ތަރުކާރީއާއި މޭވާ އުފައްދާ ބޭފުޅުންނަށް ވެސް އެންމެ ނަފާވެރިކަން މި ދެ ކުންފުނި ސިނެޖައިޒްކޮށްގެންކަން މާނައަކީ އެގްރިކަލްޗަރ އިކޮނޮމިކް ޒޯންގެ ބިޔަ މަސައްކަތުގެ ތެެރޭގަ އަދި އެގްރޯނެޓް ވެސް މިހާރު އެ ހަރަކާތްތެރިވާ ސްޕޭސްގަ ރާއްޖޭގަ އަތޮޅުތަކުގަ ވެސް އެބޭފުޅުންނަށް ހަރަކާތްތެރިވާން މާޖްކޮށްގެންކަން.”
ސަޢީދު ވިދާޅުވީ ރައީސްގެ މި ނިންނެވުމުގެ ސަބަބުން ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯންއަކީ މި ސަރުކާރު ފެށުނުކޮޅު ރައީސް ޑރ. މުޢިއްޒު އުފައްދަވާފައިވާ ކުންފުންޏެކެވެ. މި ކުންފުނި އުފައްދާފައިވަނީ ސަރުކާރު ހިއްސާވާ ފަސް ކުންފުންޏެއްގެ ހިއްސާ އޮންނަ ގޮތަށެވެ. އެ ފަސް ކުންފުންޏަކީ އެސްޓީއޯއާއި އެޗްޑީސީއާއި އެމްޕީއެލްއާއި އެމްޓީސީސީއާއި އެމްއޭސީއެލްއެވެ.

