މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި ބިޒްނަސް ސެންޓްރަލް ކޯޕަރޭޝަން (ބީސީސީ) މި ދެ ކުންފުނި އެއްކޮށްލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.
ވަޒީރުންގެ ބައްދަލުވުމުގައި ނިންމެވި ކަންކަމާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ ފަންޑް މެނޭޖްމަންޓް ކުންފުންޏާއި ބީސީސީ އެއްކޮށްލަން މިއަދު މަޝްވަރާކުރެވިފައިވާއިރު މިކަން ކުރާނެ ގޮތްތައް ރައީސް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އަދި އޭގެތެރެއިން އެންމެ ފައިދާހުރި ގޮތްތަކަކީ ކޮބައިތޯ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެވުނު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާއި ބީސީސީ އެއްކޮށްލި ނަމަވެސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުނި އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް) މިހާރު ވެސް އޮތް ގޮތަށް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީއެއްގެ ގޮތަށް ބޭއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.
ރާއްޖޭގައި ސަރުކާރުން އަޅަން ނިންމާފައިވާ އަންޑާ ސީ ކޭބަލްއަކީ އޯސީއެމްގެ ވަރަށް ބޮޑު އެސެޓެއް ކަމަށް ވެސް މިނިސްޓަރު ވިިދާޅުވިއެވެ.

