ރާއްޖޭގައި ބޮޑެތި އަދަދުތަކުން އިންވެސްޓްކުރާ އިންވެސްޓަރުންނަށް ރާއްޖެއިން ބޯހިޔާވަހިކަން ދިނުމަށްޓަކައި ސަރުކާރުން ފަށަން ނިންމާފައިވާ އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމްގެ ދަށުން 5 އަހަރުތެރޭގައި އިންވެސްޓްމެންޓްގެ ގޮތުގައި 6 ބިލިއަން ޑޮލަރު ލިބޭނެކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ވަނީ މި ޕްރޮގްރާމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.
އެ މަޝްވަރާތަކަށްފަހު ރައީސް އޮފީހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވީ މި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމަކީ މީގެކުރިން އެމްޑީޕީގެ ސަރުކާރުން ފެށި ޕްރޮގްރާމަށްވުރެ ފުޅާ މަސައްކަތެއް ކަމަށެވެ.
އެގޮތުން މި ޕްރޮގްރާމް ކުރިއަށްގެންދާއިރު ސަރުކާރުން ބަލާނީ ދުބާއީއާއި މެލޭޝިޔާފަދަ އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމް ވަރަށް ފުޅާކޮށް ކުރިއަށްގެންގޮސްފައިވާ ގައުމުތަކުގެ މޮޑެލްއަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިނީޝިއަލް ސްކޭލްގައި ސަރުކާރުން ފޯކާސްޓްކުރަނީ ގާތްގަނޑަކަށް 1500 ޓު 2000 އެޕްލިކެންޓްސް ޕްރައިމަރީއާއި އެމީހުންގެ ސެކަންޑަރީ އެޕްލިކެންޓްސް 4000 އަށް އަރާ ވަރަށް އިނީޝިއަލް ވިންޑޯގެ 5 އަހަރުތެރޭގައި ހުޅުވައިލަން.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި ޕްރޮގްރާމުގެ ދަށުން މި ފަސް އަހަރުގައި ޑައިރެކްޓް އިންވެސްޓްމަންޓްގެ 1.1 ބިލިއަން އަދި އިންޑައިރެކްޓް އިންވެސްޓްމަންޓާ އެއްކޮށްލައިގެން ހައެއްކަ ބިލިއަން ޑޮލަރާ ހިސާބަށް އިންވެސްޓްމަންޓް ގެނައުމަށް ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވި ގޮތުގައި މި ސަރުކާރުން އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމް ކުރިއަށްގެންދާނީ އެ ދާއިރާއިން ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ފަސް ކުންފުނީގެ ތެރެއިން އެއް ކުންފުންޏަކާ އެކުގައެވެ.
މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައިކަން ފާހަގަކުރައްވައި ސަޢީދު ވިދާޅުވި ގޮތުގައި ޕްރޮގްރާމް ފެށުމުން ރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް އިތުރަށް މަގުފަހިވެގެންދާނެއެވެ. އަދި އެއާއެކު ރާއްޖޭގެ އިގުތިސާދަށް ވަންނަ ޑޮލަރު އިތުރުވެގެންދާނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

