ބިދޭސީންނާމެދު އިހުމާލުވާ މީހުން ބައިލައްކަ ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ގެނައި އިސްލާހު ހިމެނޭހެން ވަޒީފާއާބެހޭ ގާނޫނަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ކުރައްވައިފިއެވެ.
ަރައީސް ޑރ. މުޢިއްޒު މިއަދު ތަސްދީގު ކުރެއްވި ވަޒީފާއާބެހޭ ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލުގައިވަނީ ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް ބަޔާންކޮށްފައެވެ.
އެގޮތުން ދިވެހިރާއްޖޭގައި ވަޒީފާއަދާކުރުމަށް ބިދޭސީ ފަރާތެއް ދިވެހިރާއްޖެ ގެނައުމަށްފަހު، އެފަރާތްތަކާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކާމެދު އަންނަނިވި ފިޔަވަޅުތައް އެޅިދާނެއެވެ.
- ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެ ގެނައުމަށްފަހު، އެފަރާތްތަކާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުން.
- އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50,000 ރުފިޔާގެ މަގުން ޖޫރިމަނާކުރުން.
- ތަކުރާރުކޮށް އިހުމާލުވުމުގެ އަމަލުތައް ހިންގާ ވަޒީފާދޭ ފަރާތްތަކާމެދު މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޖޫރިމަނާކުރުމުގެ އިތުރުން، މި ގާނޫނުގެ ދަށުން ބިދޭސީ މަސައްކަތްތެރިންނާ ގުޅޭގޮތުން ވަޒީފާދޭ ފަރާތަށް ދޭ ޚިދުމަތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ވަކި މުއްދަތަކަށް ހުއްޓާލުން.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުން އަންނަނިވި ހާލަތްތަކުގައި، ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު،
އެފަރާތްތަކާމެދު ވަޒީފާދޭ ފަރާތުން އިހުމާލުވި ކަމުގައި ބެލޭނެއެވެ.
- މުސާރަ ނުދިނުން.
- ވަޒީފާދޭ ފަރާތުން ފޯރުކޮށްދޭންޖެހޭ އަސާސީ ކަންކަން ކަމުގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަނުކުރުން.
- ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމުގައި ނުވަތަ ރާއްޖެ ގެނައުމަށްފަހު އެމީހުންނާމެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުން ނުވަތަ އެމީހުން ލައްވާ ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ ޚިލާފު އަމަލުތައް ހިންގުން.
- ބިދޭސީ މަސައްކަތްތެރިޔާ ގެންނަ ވަޒީފާ ނޫން އެހެން ވަޒީފާއެއް އަދާކުރުވުން.
ބިލުގައި ބުނެފައިވާ ގޮތުގައި ބިދޭސީންނަށް ރާއްޖޭގައި ވަޒީފާއަދާކުރެވޭނީ ވަޒީފާއާބެހޭ ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށްފަހުގައެވެ. ނަމަވެސް ވަކި ފަރާތްތަކަކަށް މި އުސޫލު ނުހިނގާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
އޭގެތެރޭގައި ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިގެންވާ ބިދޭސީ ފަރާތްތަކާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއް ނުވަތަ އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގައި ވަޒީފާއަދާކުރާ ބިދޭސީ ފަރާތްތަކާއި، އެފަދަ އެއްބަސްވުންތަކުގެ ދަށުން ކަނޑައެޅޭ ވަކި މުއްދަތަކަށް ސެކަންޑްމަންޓްގެ އުސޫލުން ނުވަތަ އެނޫން ގޮތަކުންވެސް ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ކަނޑައެޅޭ ބިދޭސީ ފަރާތްތައް ހިމެނެއެވެ.
މީގެއިތުރުން ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނުގައި ބަޔާންކުރާ ވަރކް ވީޒާ ފިޔަވައި އެނޫން ބާވަތެއްގެ ވީޒާއެއްގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާއަދާކުރުމުގެ ހުއްދަ ލިބިދީފައިވާ ފަރާތްތަކާއި އެހެން ގާނޫނެއްގައި ކަނޑައަޅާ އެނޫންވެސް ބިދޭސީ ފަރާތްތައް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން މިއަދު ވަނީ މި ގާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. ބިލުގައިވާ ގޮތުން ގާނޫނަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

