ޑްރަގް ކޯޓުގެ ކުޑަދޮރެއް ހަލާކުކޮށް އެ ކޯޓުން ވައްކަންކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިކަމާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާގޮތުގައި މި މީހާ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވެފައިވާ ކަމަށާއި މި މީހާ އަކީ ސަރުކާރުގެ އިމާރާތްތަކުން ވައްކަން ކުރުމުގެ ރެކޯޑެއް އޮތް މީހެއް ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ނިމުނު މަހުގެ 26 ވަނަ ދުވަހުގެ ރޭގައެވެ. މި ހާދިސާ އާއި ގުޅިގެން ޑްރަގް ކޯޓުން ބުނީ ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ކޯޓު ތެރެއަށް ވަދެފައިވަނީ ކޯޓާ އިންވެގެން ހުންނަ ގެތަކާއި ކޯޓާ ދެމެދު އޮންނަ ގޯޅިއަށް ހުރި ކޯޓުގެ ޝަރީއަތް ކުރާ މާލަމެއްގެ ކުޑަދޮރު ހަލާކޮށްލައިގެން ކަމަށެވެ.
އަދި އެ މާލަމުން ކޯޓުގެ އެކި ހިސާބުތަކަށް ވަދެ، ތަޅުލާފައިވާ ބައެއް ކަބަޑުތައް ފަޅާލައި ކޯޓުގެ ރެކްރިއޭޝަން ކްލަބުގެ ބައެއް ފައިސާ ވަގަށް ނަގާފައިވާ ކަމަށް ވެސް އެ ކޯޓުން ބުނެއެވެ.
މީގެ ކުރިން 2022ވަނަ އަހަރު ވެސް އެ ކޯޓުގެ ކުޑަދޮރެއް ހަލާކު ކޮށްލައިގެން ވަދެ މީހަކު ވަނީ އެ ކޯޓުން ވައްކަން ކޮށްފައެވެ.

