ހުޅުމާލޭ ގަރާޖެއް ބަލައި ފާސްކޮށް، އެ ތަނުގައި ގަވާއިދާ ޚިލާފަށް ތިބި ދެ ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގުރޭޝަނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން އަންނަ ތަނެއް ކަމަށް މީސްމީޑިއާގައި ހިއްސާކޮށްފައިވާ ކަންބޮޑުވުމާ ގުޅިގެން ހުޅުމާލޭގައި ހުންނަ ގަރާޖެއް އިއްޔެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި އެވަގުތު އެތަނުގައި ތިބި ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް ތިބި ދެމީހަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އިމިގުރޭޝަނުން ބުންޏެވެ.
ީމީގެއިތުރުން އިމިގުރޭޝަނުން ކުރި ޕޯސްޓެއްގައި ވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދާކަމުގެ ރިޕޯޓު ލިބެމުންދިއުމާ ގުޅިގެން، މިއަދު ލިބުނު މައުލޫމާތަކާއެކު ކުޅުދުއްފުށްޓަށް ދިޔަ ބޯޓެއްގައި ތިބި ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށް ބުނެފައެވެ.
މި މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ފުލުހުންނާ ގުޅިގެން ކަމަށާއި އެގޮތުުން، މި ބޯޓުގައި ދަތުރުކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް ތިބި ނުވަ މީހުނަށް ނޯޓިސްދީ އެ އިދާރާއަށް ހާޒިރުވުމަށް އަންގައި ބޯޓުގެ ކެޕްޓަނަށް ލިޔުމުން ނަސޭހަތްދީފައިވާ ކަމަށް ވެސް އިމިގުރޭޝަންގެ ޕޯސްޓުގައި ބުނެފައިވެއެވެ. އަދި އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ އިމިގްރޭޝަން ގާނޫނުގެ ދަށުން މިފަރާތްތަކާ މެދު ފިޔަވަޅު އެޅިގެންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

