ކުޅުދުއްފުއްޓަށް ދިޔަ ބޯޓެއްގައި ތިބި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތަކަކަށް މޯލްޑިވްސް އިމިގްރޭޝަނުން ނޯޓިސް ދީފިއެވެ.
މާލޭ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން ފަށައި އެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ގިނައަދަދެއްގެ ބިދޭސީން ޑީޕޯޓް ކުރަމުންދާން ފެށުމަށްފަހު މިހާރަކަށް އައިސް ބޯޓުތަކުން އަތޮޅު ތެރެއަށް ދާ ބިދޭސީންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން އެންމެ ގިނައިން ބިދޭސީން ފުރައިގެން ދާ ކަމަށް މައުލޫމާތު ލިބިފައިވާއިރު ކުޅުއްދުއްފުށީ ކައުންސިލުން ވެސް ވަނީ ކަމާ ގުޅުން ހުރި އިދާރާތަކުގެ ސަމާލުކަމަށް މިކަން ގެނެސްފަައެވެ.
އިމިގްރޭޝަނުން ރޭ އެކްސް ޕޯސްޓެއްގައި ހާމަކުރެއްވި ގޮތުގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދާކަމުގެ ރިޕޯޓު ލިބެމުން ދިއުމާ ގުޅިގެން، މިއަދު ލިބުނު މަޢުލޫމާތަކާއެކު ކުޅުދުއްފުއްޓަށް ދިއަ ބޯޓެއްގައި ތިބި ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް، ޕޮލިސް އަދި އިމިގްރޭޝަން ގުޅިގެން ކަމަށްވެސް އެޕޯސްޓުގައި ހާމަކޮށްފައިވެއެވެ.
އިމިގްރޭޝަނުން ބުނެފައި ވަނީ އެ ބޯޓުގައި ދަތުރު ކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ތިބި 09 މީހުނަށް ނޯޓިސްދީ އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާފައިވާނެ ކަމަށެެވެ. އަދި އެ ބޯޓުގެ ކެޕްޓަނަށް ލިޔުމުން ވަނީ ނަސޭހަތް ދީފައިކަމަށްވެސް އިމިގްރޭޝަނުގެ އެކްސްޕޯސްޓުގައި ވަނީ ބުނެފައެވެ. ހަމައެހެންމެ އެ އެންގުމާ އެއްގޮތަށް އަމަލު ނުކޮށްފިނަމަ އިމިގްރޭޝަން ގާނޫނުގެ ދަށުން އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅިގެން ދާނެ ކަމަށްވެސް ބުނެފައިވެއެވެ.ަ
އިމިގްރޭޝަނުން މިހާރު ނިންމާފައި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން އަތޮޅު ތެރެއަށް ފުޅާ ކުރުމަށެވެ.

