މިދިޔަ ޖުލައިމަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސްޕޯޓްސް ކާރު ދުއްވި މީހާ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖުލައި 31 ވަނަ ދުވަހު މި އެކްސިޑެންޓް ހިނގީ ވިނަރެސް ފުލެޓްތަކުގެ މެދަށް އޮންނަ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއްފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.
މި އެކްސިޑެންޑުގެ މައްސަލާގައި ކާރު ދުއްވި މ.ލޭންޑްއޮފްގާރޑްން، އިކްރާމް އިބްރާހިމް ފިލައިގެން އުޅެނިކޮށް ހަމަ އެރޭގެ ވަގުތެއްގައި ހައްޔަރުކުރިއެވެ.
ނަމަވެސް އޭނާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އިއްޔެ ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ދަށު ކޯޓުން އަމުރު ނެރެފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައިފައެވެ.
ހޯމް މިނިސްޓަރު ޢަލީ އިޙްސާން ރޭ މެންދަމު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކޯޓު އަމުރެއްގެ ދަށުން އިކްރާމް އަލުން ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
އަދި އޭނާ ދޫވުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މި އެކްސިޑެންޓާ ގުޅިގެން އިތުރު ދެ މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއީ ހ.ނޫރަންމާގެއާގެ އިކްރާމުއްރަޙްމާން އާއި ގއ.ކަނޑުހުޅުދޫ އާޒާދުގޭ ޖިނާހް އިސްމާޢިލެވެ.
މި ދެ މީހުން ވެސް ހައްޔަރުކުރީ އެކްސިޑެންޓްވުމުން ފިލައިގެން އުޅެނިކޮށް އެ ރޭގެ ވަގުތެއްގައެވެ.
ފޮޓޯތަކުން ފެންނަ ގޮތުން އެކްސިޑެންޓްވި ކާރަކީ މާލޭ ޒޯނުގައި ދުއްވަން ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫނެވެ. ކާރުގެ ނަންބަރު ޕްލޭޓްގައި އޮތީ ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި ދުއްވަން ރަޖިސްޓްރީކޮށްފައިވާ "ބީ ޒޯން" ގެ ނަންބަރެކެވެ.

