ރާއްޖެއަށް މުޅިން އާ ސިނާއަތެއް ކަމުގައިވާ އިންޓާނޭޝަނަލް ބަންކަރިންގެ ހިދުމަތް މި މަހުގެ 12 ވަނަ ދުވަހު ފެށުމަށް އިއުލާންކޮށް މައިގަނޑު ހުރިހާ މަސައްކަތެއް ނިންމާލައިފިއެވެ.
ދުނިޔޭގެ މެޕުގައި ރާއްޖެ އޮންނަ ސަރަހައްދަކީ ކަނޑު ބޯޓުތައް އާއްމުކޮށް ދަތުރުކުރާ ހިސާބެކެވެ. އެހެންކަމުން ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށިއްޖެ ނަމަ މިއީ އިޤްތިސާދީގޮތުން ރާއްޖެއަށް އެތައް ކުރިއެރުމެއް ލިބޭނެ ކަމެއްގެގޮތުގައި ސަރުކާރުން ދެކެއެވެ.
ރާއްޖޭގައި ބަންކަރިންގެ ޚިދުމަތްދެނީ ދުނިޔޭގެ މަޤްބޫލު މުދާ އުފުލާ އަދި ޝިފިންގ މަސައްކަތްތައް ކުރަމުންދާ ވިޓޯލް ބަންކާސްއާ ގުޅިގެންނެވެ. އެކި ސަރަހައްދުތަކުގައި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ވިޓޯލް ބަންކާސްގެ މެޕުގައި ދިވެހިރާއްޖެ މިހާރު ވަނީ ހިމަނާފައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިދިޔަ ހަފްތާގައި ވިދާޅުވީ، ބަންކަރިންގެ ޚިދުމަތް ފެށުމަށް ދިން ބައެއް ތާރީޚުތަކަށް ބަދަލުއައުމުގެ ސަބަބުތަކުގެ ތެރޭގައި މޫސުން ތަންނުދިނުން ހިމެނޭކަމަށެވެ. ނަމަވެސް މިހާރު މަސައްކަތްކުރަމުންދަނީ އަންނަ މަހުގެ 12 ވަނަ ދުވަހު ބަންކަރިންގެ ޚިދުމަތް ފެށުމަށްކަމަށެވެ.
އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށުމާއި އެކު މެރިޓައިމް ދާއިރާއާއި ގުޅުން ހުރި ގިނަ ކަންކަން އިހަވަންދިއްޕޮޅުގައި ކުރުމަށް އެމްޕީއެލުން ވަނީ ނިންމާފައެވެ. އެގޮތުން ބަންކަރިންގެ ހިދުމަތަށް ބޭނުންވާ އެކިއެކި ހިދުމަތްތައް ދިނުމަށް އެސްޓީއޯއާއި އެކު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
އުތުރުގައި ފަށާ އިންޓަރނޭޝަނަލް ބަންކަރިންގ ޚިދުމަތުގައި އެމްޕީއެލްއިން ރާއްޖެއަށް ގާތްކުރާ ބޯޓުފަހަރުތަކަށް މަގުދައްކައިދިނުމަށް ޕައިލެޓު ބޯޓުގެ ޚިދުމަތް ދޭނެއެވެ. އަދި ޓަގާއެކު ފެނާއި ކާބޯތަކެތި އަދި ބޯޓުތަކަށް ބޭނުންވާ އެހެނިހެން ޚިދުމަތްތަކާއި ސާމާނު ފޯރުކޮށްދިނުމަށް އެމްޕީއެލްއިން މަސައްކަތްކުރަމުންދާނެއެވެ.
ސަރުކާރުން ބަންކަރިން ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާއިރު، މި ޚިދުމަތާއެކު ދިވެހި ރާއްޖެއަށް ލިބޭ އާމްދަނީ ބޮޑުތަނުން އިތުރުވެގެން ދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މި ޚިދުމަތް ފެށުމަށް ބޭނުންވާ ދެ ބޯޓު ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

