މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރާއްޖެއަށް 170،000 އަށްވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެއެވެ.
މިއަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި ރާއްޖެއަށް 170,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާއިން އިއްޔެ އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އޮގަސްޓުމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 172,314 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި އައިސްފައިވަނީ ޖުމްލަ 151,589 ފަތުރުވެރިންނެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އައި ފަތުރުވެރިންނާއެކު މިއަހަރުގެ މިހާތަނަށް ވަނީ 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10.5 އިންސައްތައިގެ ކުރިއެރުމެކެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން ރާއްޖެއަށް 197,326 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މީގެއިތުރުން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. ރަޝިޔާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 146,243 އެވެ.
ލިސްޓުގެ ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. އެ ގައުމުން 117,080 ފަތުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، ރާއްޖޭގައި މިހާރު 182 ރިސޯޓެއް ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. މީގެއިތުރުން 879 ގެސްޓްހައުސްއާއި 14 ހޮޓެލްއާއި 153 ސަފާރީ ދަނީ އޮޕަރޭޓް ކުރަމުންނެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ. އަންނަ ޑިސެމްބަރުގައި އެ އަމާޒަށް ވާސިލުވެވޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

