ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް، ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް ދެއްކުމަށް ލުއި ގޮތެއް ހަމަޖައްސައިދީފިއެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީިއިން ކުރި އިއުލާނެއްގައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް ވަޒީފާއާބެހޭ ގާނޫނާއި ގަވާއިދުގެ ދަށުން، ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ އަދަދު 100,000 ރުފިޔާ އަށްވުރެ މަދުން ދައްކަންޖެހޭ ފަރާތްތަކުން، މި މަހު 16 ވަނަ ދުވަހުގެ ކުރިން މި ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްކުރުމަށް އަންގައިފައެވެ. އަދި އެ ދުވަހުގެ ނިޔަލަށް، ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްނުކުރާ ފަރާތްތައް އާންމުކޮށް އިއުލާން ކުރުމާއެކު، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ފަރާތްތައް ސަސްޕެންޑްކޮށް އައު ހުއްދަތައް ދޫކުރުން މެދުކަނޑާލެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މީގެއިތުރުން މިނިސްޓްރީން ބުނީ ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން އެއްފަހަރާ އެންމެހާ ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްކުރުމަށް ދަތިވާކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ހުށަހަޅަމުން އަންނަ ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމަށް ސަރުކާރާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ މުއްދަތާއި އިތުރު މައުލޫމާތު އެކްސްޕެޓް ސިސްޓަމުން ލިބެން ހުންނާނެ ކަމަށެވެ. އަދި އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 1500 ގުޅުއްވައި ނުވަތަ xpat@1500help.mv އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

