ހަފްތާގެ އެހެން ދުވަސްތަކަށް ވުރެ ހުކުރު ދުވަހަކީ އަހަރެމެން މުސްލިމުންނަށް ވަރަށް މުހިއްމު ދުވަހެކެވެ.
އަބޫ ހުރައިރާ ރިވާކުރެއްވި ޙަދީޘް ބަސްފުޅެއްގެ މާނާގައިވެއެވެ. ” އިރު އެދުވަހަކަށް އަރާ އެންމެ މުހިއްމު ދުވަހަކީ ހުކުރު ދުވަހެވެ. އެދުވަހު އާދަމް ޢަލައިހިއްސަލާމް އުފައްދަވާ، ސުވަރުގެއަށް ވެއްދެވިއެވެ. އަދި އެކަލޭގެފާނު ސުވަރުގެއިން ނެރެލެއްވުނީވެސް ހުކުރު ދުވަހެއްގައެވެ. އަދި ޤިޔާމަތް ވާނީވެސް ހުކުރު ދުވަހެއްގައެވެ. ” މި ޙަދީޘް ބަސްފުޅުން ވެސް ހުކުރު ދުވަހުގެ މާތްކަން ހާމަވެގެން ދެއެވެ. އެހެންކަމުން، އެދުވަހަށް ބިރުވެތިވެ، ﷲ އަށް ކުއްތަންވުމުގައި ގިނަ ވަގުތު ހޭދަކުރާށެވެ.
ހަމައެއާއެކު، ހުކުރު ދުވަހުގައި ދުޢާ އިޖާބަކުރައްވާ ވަގުތެއްވުމުގެ އިތުރުން، ހުކުރު ދުވަހަށް ބިރުވެތިނުވާ އެއްވެސް މަލާއިކަތްބޭކަލެއް، އެއްވެސް ފަރުބަދައެއް އަދި ކަނޑެއް ނުވާކަމަށް ޙަދީޘް ތަކުން އެނގިފައިވެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި، ހުކުރު ދުވަހުގައިވާ ދުޢާ އިޖާބަކުރައްވާ ވަގުތަކީ އަސުރު ނަމާދުން ފެށިގެން އިރު އޮއްސިއްޖެއުމަށް ދާންދެންނެވެ. އަދި އެހެން ޢިލްމުވެރިން ވިދާޅުވަނީ އެއީ ޚުޠުބާ ކިޔުއްވުމަށް އިމާމު ފަށްޓަވާ ވަގުތުން ފެށިގެން ނަމާދުކޮށް ނިމުމާ ދެމެދުއެވެ.
އެހެންކަމުން ލިބޭ ވަގުތުގެ ބޭނުންހިފާ ހެޔޮ ގޮތުގައި މިދުވަސް ހޭދަކުރުމަށް އެންމެހާ އަޚުންނާއި އުޚުތުންނަށް ގޮވާލަމެވެ. މާތްﷲއީ ގިނަ ގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.

