ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރި ގޯތިތަކުގެ ތެރެއިން އިތުރު 23 ގޯތި ވެރި ފަރާތާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ލިބިފައިވާ ގޯތިތައް އެ ގޯތީގެ ވެރިފަރާތާއި ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން 29 އޮގަސްޓު ވީ ބުރާސްފަތި ދުވަހު 13 ގޯތި ހަވާލުކުރެވިފައިވާ ކަމަށެވެ.
މީގެއިތުރުން އިއްޔެ އިތުރު 10 ގޯތި އެ ގޯތިތަކުގެ ވެރި ފަރާތާ ހަވާލުކުރެވިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތީގެ އެއްބަސްވުމާއި ގޯތީގެ ރަޖިސްޓްރީ ހަވާލުކުރެވިފައި ނުވާ ފަރާތްތަކަށް ގޯތީގެ އެއްބަސްވުމުގައި ސޮއި ކުރުމާއި ރަޖިސްޓްރީ ހަވާލުކުރުމުގެ އިތުރުން ބިން ހަވާލުކުރުމުގެ މަސައްކަތް ފެށީ މިދިޔަ ޖެނުއަރީ މަހުގައެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ޖުމްލަ 1408 ގޯތި ދޫކުރިއެވެ. މިހާތަނަށް ގޯތި ހަވާލުކުރެވިފައިވަނީ 647 ފަރާތަކާއެވެ.
މި ސްކީމްގެ ދަށުން ގޯތި ދީފައިވާ ސަރަހައްދުތަކުގެ ބިން ސާފުކުރުމާއި ބައެއް ގޯތިތަކަށް އަރާފައިވާ ފެނާ ނަރުދަމާގެ ނެޓްވޯކް ބަދަލުކުމުގެ މަސައްކަތް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.
މިނިސްޓްރީން ބުނެފައިވަނީ އެޗްޑީސީއިން ބިން ސާފުކޮށް މިނިސްޓްރީއާ ހަވާލުކުރާ ހިސާބުން ވެރި ފަރާތްތަކާ ބިން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

