ޚަތީބުންގެ ދަފުތަރު އަލުން މުރާޖައާ ކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނިންމައިފިއެވެ.
ޚަތީބުންގެ ލިސްޓު މުރާޖައާކުރަން ނިންމީ މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ދުވަހު ބައެއް ޚަތީބުން ޚުތުބާ ދެއްވާއިރު ކުށް ޖެހޭތީ ބައެއް ފަރާތްތަކުން ކުރަމުންދާ ޝަކުވާތަކާ ގުޅިގެންނެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ އެފަދަ ޝަކުވާތައް އެ ވުޒާރާއަށް ހުށަހަޅާފައިވާ ކަމަށާއި އެގޮތުން މި ހަފުތާގެތެރޭގައި ޚަތީބުންގެ ލިސްޓު މުރާޖައާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ލިސްޓު މުރާޖައާ ކުރުމަށްފަހު ދެން ފުރުސަތު ދޭނީ އެންމެ ގާބިލު، ހުނަރުވެރި ބޭފުޅުންނަށް ކަމަށް ވުޒާރާއިން ބުންޏެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ޚަތީބުންގެ ލިސްޓު އަލުން މުރާޖައާކުރަން ނިންމާފައިވާއިރު، އެ ވުޒާރާއިން ވަނީ ޒުވާން ޚަތީބުން ތަމްރީނު ކުރުމުގެ ބޮޑު މަޝްރޫއުއެއް ވެސް ފަށާފައެވެ. އެ ޕްރޮގްރާމުގެ ދަށުން 1000 ޚަތީބުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ވަނީ 300 ޚަތީބުން ތަމްރީންކޮށްފައެވެ.

