ދިވެހިރާއްޖެއާއި އިންޑޮނޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންޑޮނޭޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިންޑޮނޭޝިއާގެ ރައީސް ވިޑޯޑޯއަށް ފޮނުއްވި ސިޓީގައި ވަނީ އިންޑޮނޭޝިއާގެ ރައީސްގެ އިތުރުން ސަރުކާރަށާއި، އިންޑޮނޭޝިއާގެ ރައްޔިތުންނަށް ވެސް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައި ދެ ގައުމުގެ ދެމެދުގައި ވާ ގާތް ތާރީޚީ ގުޅުމަށް ތައުރީފު ކުރައްވައިފައެވެ.
މީގެއިތުރުން ރައީސް ޑރ. މުޢިއްޒު ވަނީ ދެ ގައުމުގެ ގުޅުން ޒަމާނުއްސުރެ ވެސް ކުރިއަރަމުން އަންނަ ކަމަށާއި، އެއީ ގާތް އެއްބާރުލުމާއި އެކުވެރިކަމުގެ ގުޅުމެއްކަން ފާހަގަކުރައްވައިފައެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ އިންޑޮނޭޝިއާގެ ރައީސް ވިޑޯޑޯއާއި، އިންޑޮނޭޝިޔާ ސަރުކާރާ ގުޅިގެން، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަން އިތުރަށް ބަދަހިކޮށް، ދެ ގައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ގުޅުން ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައި ވެސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ސިޓީ ނިންމަވައިލައްވާފައިވަނީ އިންޑޮނޭޝިޔާގެ ރައީސާއި އެ ގައުމުގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ލިބުމަށް އެދިވަޑައިގަންނަވާކަން ފާހަގަކުރައްވަމުންނެވެ.

