ނައިބް ރައީސްހުސައިން މުޙައްމަދު ލަތީފް ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ)ގެ 9.5 މިލިއަން އެމެރިކާ ޑޮލަރުގެ މާލީއެހީއާއެކު، ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނެއުމަށް އެކުލަވާލާފައިވާ ޚާއްޞަ ޕްރޮޖެކްޓް "ތައިބަ" އިފުތިތާހުކޮށްދެއްވައިފިއެވެ.
ތައިބަ ޕްރޮޖެކްޓް އިފްތިތާހުކޮށްދެއްވާފައިވަނީ އެކަމަށް ހާއްސަކޮށް ހޮޓެލް ޖެން ގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި މި ޕްރޮޖެކްޓް އިފްތިތާހުކޮށްދެއްވުމުގެ އިތުރުން މި ޕްރޮޖެކްޓްގެ ވެބްސައިޓް ޕޭޖް އާއި ، ޕްރޮޖެކްޓާއި ގުޅޭ މަޢުލޫމާތު ހިމެނޭ ފޮތް ވެސް ނައިބު ރައީސް ވަނީ ނެރެދެއްވާފައެވެ.
މި ގްރާންޓުތައް ޖުމްލަކޮށް ބޭނުންކުރެވިގެންދާނީ ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުން އުނގެނުމަށް ފަހި ފުރުޞަތުތަކެއް ފަހިކޮށްދިނުމަށާއި، ތަޢުލީމީ ދާއިރާގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ތަޢުލީމީ ދާއިރާގެ ރޭވުންތެރިކަމާ، މާލިއްޔަތު ބެލެހެއްޓުމާއި، މޮނިޓަރކޮށް ވިލަރެސްކުރެވޭނެ ގޮތްތައް ކަނޑައެޅުމަށެވެ. އަދި އައު އެޑިޔުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމެއް މި ގްރާންޓްގެ ދަށުން ތައްޔާރުކުރެވޭނެއެވެ. މިއާއިއެކު ތަޢުލީމީ ނިޒާމުގެ ހުރިހާ ހަރުފަތެއްގައި ގަރީނާއަށް ރިއާޔަތްކޮށް ސިޔާސަތުތަކާއި ނިންމުންތައް ނިންމުމުގެ ގާބިލްކަން އިތުރުކުރެވިގެންދާނެއެވެ.
މި ޕްރޮޖެކްޓަކީ ދިވެހިރާއްޖޭގެ ތައުލީމަށް، ނިޒާމީގޮތެއްގައި، ހެޔޮ ބަދަލުތަކެއް ގެނެއުމާއެކު، ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ ހަރުދަނާ، ޝާމިލު، ވިލުންވެރި ނިޒާމަކަށް ހެދުމަށްޓަކައި އެކުލަވާލި ޕްރޮޖެކްޓެކެވެ. އެގޮތުން ޔުނިސެފްގެ އެހީތެރިކަމާއެކު ތައުލީމީ ވުޒާރާއާއި ލޯކަލް އެޑިޔުކޭޝަން ގްރޫޕް (ލެގް) އިން އެކުލަވާލި ޕާރޓްނަޝިޕް ކޮމްޕެކްޓާއެކު، ދަރިވަރުންގެ އުނގެނުން ހަރުދަނާ ކުރުމަށްޓަކައި ވަރަށް އުންމީދީ ލަނޑުދަނޑިތަކަކާއެކު އިންގިލާބީ އެޖެންޑާއެއް ކަނޑައެޅުނެވެ.
އެ ގޮތުން މި އެޖެންޑާ ތަންފީޒުކުރުމަށްޓަކައި މިނިސްޓްރީ އާއި ޔުނިސެފް އަދި ވޯލްޑް ބޭންކުން ވަނީ ޖީ.ޕީ.އީގެ 3 ގްރާންޓެއް ކަށަވަރުކޮށްފައިވާއިރު އެއީ 5 މިލިއަން އެމެރިކާ ޑޮލަރުގެ ސިސްޓަމް ޓްރާންސްފޮމޭޝަން ގްރާންޓް އާއި، 1.5 މިލިއަން ޑޮލަރުގެ ސިސްޓަމް ކެޕޭސިޓީ ގްރާންޓާއި 3 މިލިއަން އެމެރިކާ ޑޮލަރުގެ މަލްޓިޕްލަޔަރ ގްރާންޓެވެ.
މި ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އާއި ދެކުނު އެޝިއާއަށް ޔުނިސެފުން ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރ ސަންޖޭ ވިޖެސޭކަރަގެ އިތުރުން މި ޕާޓްނަޝިޕް ކޮމްޕެކްޓްގައި ހިމެނޭ ގިނަ ފަރާތްތަކުން ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ.

