ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 1.5 މިލިއަން ރުފިޔާ އަނބުރާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ސިވިލް ކޯޓުން މއެފްއޭއެމް އަށް އަނބުރާ ދެއްކުމަށް މި ހުކުމް ކުރި 1.5 މިލިއަން ރުފިޔާ އަކީ ދިވެހި ޕްރިމިއާ ލީގުގެ ބައެއްގެ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް ހާއްސަކޮށްގެން އެފްއޭއެމް އިން ބާއްވަން ރޭވި ސައުތު ލީގު ބާއްވާވާފައި ނުވާތީވެ، އެ މުބާރާތް ސްޕޮންސާކުރަން އެސްޓީއޯ އިން ދިން 1.5 މިލިއަން ރުފިޔާއެވެ.
މި މައްސަލައިގައި އެސްޓީއޯ އިން ހުށަހެޅި ދައުވާ ފޯމާއި ލިޔެކިޔުންތައް އެފްއޭއެމް އަށް ރައްދުކުރަން ކޯޓުން ކުރި މަސައްކަތް ވަނީ ކާމިޔާބުނުވެފައެވެ. ވުމާއެކު އެތަކެއްޗާ ހަވާލުވާން އެފްއޭއެމް ތަމްސީލްކުރާނެ މީހެއް ކޯޓަށް ހާޒިރުވުމަށް ވެސް އާއްމުކޮށް އިއުލާންކޮށްފައިވެއެވެ. ނަމަވެސް އެފްއޭއެމުން ލިޔެކިޔުންތަކާ ހަވާލުވެފައިނުވާތީ ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ އެ އެސޯސިއޭޝަނުން ދައުވާއަށް އިންކާރުކުރާ ކަމަށް ބަލައި އެ އެސޯސިއޭޝަންގެ ޣައިރު ހާޒިރުގައެވެ.
މި މައްސަލައިގައި އެސްޓީއޯ އިން ކޯޓުގައި ބުނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެފްއޭއެމުން ސައުތު ލީގު ސްޕޮންސާކޮށްދޭން ޕްރޮޕޯސަލް ފޮނުވުމުން، އެކަމަށް ޝައުގުވެރިވެ ޖެހިގެން އައި އޮކްޓޫބަރުގައި ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއިކުރި ކަމަށާއި މި އެއްބަސްވުމުގެ ދަށުން އެސްޓީއޯ އިން ތިން ފަހަރަކަށް ބަހާލައިގެން ފައިސާ ދީފައިވާ ކަމަށެވެ.
ނަމަވެސް މުބާރާތް ފަށަން އެފްއޭއެމުން ބުނި ތާރީހު ކަމަށްވާ ޑިސެމްބަރު 4 ގައި މުބާރާތް ފަށާފައެއް ނުވެ އެވެ. އަދި މުބާރާތް ފެށޭނެ ދުވަހެއް ވެސް އަންގާފައިނުވާއިރު، އެކަން ސާފުކުރަން އެސްޓީއޯ އިން ފޮނުވި ސިޓީ އަށް ވެސް އެފްއޭއެމުން ޖަވާބެއް ދީފައި ނުވާ ކަމަށް ވެސް އެސްޓީއޯ އިން ކޯޓުގައި ބުނެފައިވެއެވެ.
މި އެއްބަސްވުމުގައި ވާގޮތުން އެފްއޭއެމްގެ މައްސަލައަކުން އެއްބަސްވުން ބާތިލުކުރާ ނަމަ 15 ދުވަހުގެ ތެރޭ ސްޕޮންސާޝިޕް ފައިސާ އެފްއޭއެމުން އަނބުރާ ދޭން ޖެހޭނެއެވެ. ވުމާއެކު އެފްއޭއެމް އިން ތާރީހަށް މުބާރާތް ބާއްވާފައިނުވާތީ އާއި ފަށާނެ ދުވަހެއް ވެސް އަންގާފައި ނުވާތީ އެއްބަސްވުން ބާތިލްކުރުމަށް ނޯޓިސްދީ 15 ދުވަހުގެ ތެރޭ ފައިސާ ދޭން އެސްޓީއޯ އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެންގާފައިވެއެވެ.
މިކަމަށް ފްއޭއެމުން އިޖާބަދީފައިނުވާތީވެ އެސްޓީއޯ އިން މައްސަލަ ކޯޓަށް ހުށަހެޅީ އެވެ.މި މައްސަލައިގައި އެސްޓީއޯ އިން ހުށަހެޅި ލިޔެކިޔުންތަކަށް ބަލައި ސިވިލް ކޯޓުން ހުކުމްކުރީ އެއްބަސްވުން ބާތިލްވެފައިވާތީވެ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00 ޖެހުމުގެ ގެ ކުރިން އެ ފައިސާ ކޯޓަށް ދައްކައި ހަލާސްކުރުމަށެވެ.
އެފްއޭއެމް މިވަގުތު ހިންގަމުން އަންނަނީ ފީފާ އިން އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީއަކުންނެވެ. ފީފާ އިން އެ ކޮމިޓީ އަށް ދީފައިވާ އެންމެ ބޮޑު މެންޑޭޓަކީ ވެސް އެފްއޭއެމް އިން ގެއްލިފައިވާ ފައިސާތައް ހޯދުމާއި، ދަރަންޏާއި، މާލީ ކަންކަމާ ގުޅޭ ހިސާބުތައް އެކުލަވާލުމެވެ.
އެސްޓީއޯގެ އިތުރުން ވެމްކޯ އަދި އަމިއްލަ ފަރާތެއްގެ އަތުން އަނބުރާ ދޭގޮތަށް ނަގާފައިވާ ރުފިޔާ އަނބުރާ ދެއްކުމަށް ވެސް ކޯޓުން ހުމްކޮށްފައިވެއެވެ.

