ހިތާވެގެން އުޅުނު އަންހެން މީހާ ކަރުގައި ވަޅި ޖައްސައި ރަހީނުކޮށް ފުލުހުންނަށް އިންޒާރުދެމުން ދަނިކޮށް ހައްޔަރުކޮށްގެން ގެންދެވުނު 32 އަހަރުގެ އާދަމް އަތުހަރު މަރުވެއްޖެއެވެ.
ފުލުހުން ވަނީ އަތުހަރު މަރުވިކަން ކަށަވަރު ކޮށްދީފަ އެވެ.
އަތުހަރު މަރުވެފައި މިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވާން އުޅެނިކޮށް ސަލާމަތްކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. އެނގިފައިވާ ގޮތުގައި އޭނާ މަރުވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހަވީރު 4:08 ގަ އެވެ. މަރުވިއިރު އަތުހަރަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގަ އެވެ.
އަމިއްލައަށް މަރުވާން އަތުހަރު މަސައްކަތް ކުރީ ރޭގެ ވަގުތެއްގަ އެވެ. ފުލުހުން ބުނީ 23 މިނެޓު ތެރޭގައި ފަރުވާ ދިނުމަށް އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. މިކަން ފުލުހުން ހާމަ ކުރީ ރޭ 19:42 ގަ އެވެ. އަތުހަރު ވެންޓިލޭޓަރުގައި އޮތްކަން ފުލުހުން ހާމަކުރީ ރޭގެ 21:57 ގަ އެވެ.
މިހާދިސާގެ ތަހުގީގު ފުލުހުން ވަނީ ފަށައިފަ އެވެ. މީގެ އިތުރުން ދަން ޖެހެން އުޅުނު މައްސަލަ އެޗްއާރުސީއެމް އާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
އަންހެނަކު ރަހީނުކޮށްގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ދިޔުމުން އަތުހަރު ވަނީ އެ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައި ފުލުހުންނަށް ފިލަން މަސައްކަތް ކޮށްފަ އެވެ. އަންހެން މީހާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުހުންގެ ފަރާތުން އަތުހަރަށް އަނިޔާތަކެއް ލިބުނެވެ. އެހެންނަމަވެސް އެ އަނިޔާތަަކަށް އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލުމުން އަތުހަރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މިއަންހެންމީހާއަކީ އަތުހަރާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެނެއްކަމަށާއި މިދެމީހުން ދެމެދުގައި ޒުވާބު ހޫނުވާން ފެށީ މާފަންނުގައި މިހާދިސާ ހިނގި ސަރަހައްދުގައި ހުންނަ މަސްތުވާތަކެތި ބޭނުން ކޮޮށް ގެންގުޅޭ މީހުން އާންމުކޮށް އުޅޭ ގެއެއްގެ ތެރެއިން ކަމަށް މަންޒަރު ދުށްމީހުން ބުނެފައިވެއެވެ. މިއީ އަބަދުވެސް މިދެމީހުންގެ އާންމު ހާލަތު ކަމަށާއި މިއީ އަލަށް ވާކަމެއް ނޫންކަމަށް ބުނި މީހުންވެސް ތިއްބެވެ. އެހެންނަމަވެސް މިހާދިސާ ހިނގި އެދުވަހަށް ފަހު އަންހެންމީހާގެ އެއްވެސް ކަހަލަ ވާހަކައެއް ހާމަވެގެން ގޮސްފައެއް ނުވެއެވެ،

