އަތުހަރު މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހަދަން ފުލުހުން ނިންމައިފި އެވެ.
ހިތާވެގެން އުޅުނު އަންހެން މީހާއަށް ބިރުދައްކައި ކަރުގައި ވަޅި ޖައްސައި، ފުލުހުންނަށް އިންޒާރުދެމުން ދަނިކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ހައްޔަރަށް ގެންގޮސް ބަންދުގައި ބަހައްޓާފައި ހުއްޓާ ށ.މިލަންދޫ، ހެޕީލޭންޑު އާދަމް އަތުހަރު ވަނީ އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުން އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދެމުން ދަނިކޮށް އަތުހަރު ވަނީ މަރުވެފައެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަތުހަރު މަރުވި ސަބަބު ދެނެގަންނަން އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހަދަން އެ ހިދުމަތުން ނިންމާފައިވާ ކަމަށެވެ.
އަމިއްލައަށް މަރުވާން އަތުހަރު މަސައްކަތް ކުރީ ކޮންގޮތަކުން ކޮންއެއްޗެއް ބޭނުން ކޮށްގެން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ދަންޖެހުނުމަންޒަރު ކެމެރާއަށް ފެނުނު ހިސާބުން ފެށިިގެން އަތުހަރު މާލެ ގެނައުމާ ހަމައަށް ފުލުހުން މަސައްކަތް ކުރި ގޮތް ވަނީ ހާމަކޮށްފައެވެ. އެއިން ފެންނަ ގޮތުގައި ކެމެރާއިން މަންޒަރުފެނުނު މިނެޓް ތެރޭ ގޮޅީ ދޮރު ހުޅުވާ، އަތުހަރު ބިންމަތީގައި ބާއްވާފައި ވަނީ ހަމައެމިނެޓް ތެރޭގައެވެ. ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އަތުހަރު މަރުވީ މިއަދު ހަވީރު 4:08 ގަ އެވެ.
އަމިއްލައަށް މަރުވާން އަތުހަރު މަސައްކަތް ކުރީ ރޭގެ ވަގުތެއްގަ އެވެ. ފުލުހުން ބުނީ 23 މިނެޓު ތެރޭގައި ފަރުވާ ދިނުމަށް އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. މިކަން ފުލުހުން ހާމަ ކުރީ ރޭ 19:42 ގަ އެވެ. އަތުހަރު ވެންޓިލޭޓަރުގައި އޮތްކަން ފުލުހުން ހާމަކުރީ ރޭގެ 21:57 ގަ އެވެ.
މިހާދިސާގެ ތަހުގީގު ފުލުހުން ވަނީ ފަށައިފަ އެވެ. މީގެ އިތުރުން ދަން ޖެހެން އުޅުނު މައްސަލަ އެޗްއާރުސީއެމް އާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

