ގަވާއިދާ ހިލާފަށް ކާބޯތަކެއްޗާއި ދުފުމުގައި ބޭނުންކުރާ ތަކެތި ތައްޔާރުކޮށް، ޑެލިވަރީގެ ހިދުމަތް ދެމުން ދިޔަ ތަނަކުން ދެ ބިދޭސީން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން، ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ތަކެތި، ވިޔަފާރިއަށް ތައްޔާރުކުރަމުން ދާކަމަށް އިމިގްރޭޝަން ވޮޗަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިއްޔެ ދެ ތަނެއް ބަލާ ފާސްކޮށްފައިވާކަމަށެވެ.
މި ރެއިޑުގައި ބަލައި ފާސްކުރި ދެވަނަ ތަނުގައި ޑެލިވަރީއަށް ކާބޯތަކެތި ތައްޔާރު ކުރަމުންދާ ކަމަށާއި އެހެން ކަމުން ކަމާއި ގުޅުން ހުރި އިދާރާތަކުގެ އެހީތެރިކަމާއެކު އެތަނުގައި ހިންގަމުން ދިޔަ ވިޔަފާރި ހުއްޓުވުމަށް ނޯޓިސް ދީފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އަދި މިރެއިޑުގައި ދެ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންްދެވިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލަފަށް އުޅެ، ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ހޯދުމަށް މިސަރުކާރުން ފެށި އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް މާލޭ ސަރަހައްދުން ގިނަ އަދަދެއްގެ ބިދޭސީން ކުރަމުން އަންނަ ވިޔަފާރިތައް ވަނީ ހުއްޓުވާފައެވެ.
އަދި މި އޮޕަރޭޝަނުގެ ތެރެއިން ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށް، ރާއްޖެއަށް އަނބުރާ ނާދެވޭ ގޮތަށް ވަނީ ޑީޕޯޓް ވެސް ކޮށްފައެވެ.

