ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަސް ގޮސް ހުއްޓާ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދިވެހި އަންހެން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުން ފުރަސް ގޮސް ހުއްޓާ މިދިޔަ އޮގަސްޓުމަހުގެ ހަތްވަނަ ދުވަހު ހައްޔަރުކުރީ ގދ.މަޑަވެލި/އުދަރެސް އުމުރުން 30 އަހަރުގެ ސަހާ ވަޙީދެވެ.
ފުލުހުން އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމާއި ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތެވެ.
އޭނާގެ ބަންދު އަމުރުގައިވާ ގޮތުން މަސްތުވާތަކެތި ފެނިފައިވަނީ ލައިގެން ހުރި އަންނައުނުގެ ތެރެއިންނެވެ.
ފެނުނު ތަކެތީގެ ބަރުދަނުގައި 209 ގްރާމް ހުރި ކަމަށް ދައްކާފައިވާ ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެއެވެ.
އޭނާގެ ބަންދާމެދު އިތުރު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އަމުރުކުރީ އެއް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށެވެ. އޭނާގެ ބަންދަށް އެއް ދުވަސް ދިނީ ވަކީލަކާއެކު ކުރިއަށް ގެންދަން ބޭނުންވާތީ އެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

